މިދިޔަ އަހަރު އައްޑޫގައި 277 އެކްސިޑެންޓް، މިދިޔަ މަހު އެކަނިވެސް 27

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޑް: މިދިޔަ އަހަރު އައްޑޫގައި 277 އެކްސިޑެންޓް ހިނގާފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު އައްޑޫގައި 277 އެކްސިޑެންޑު ހިނގާފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު އެކަނިވެސް 27 އެކްސިޑެންޓެއް ހިނގާފައި ވާކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ވަނީ މިދިޔަ އަހަރު މަގުމަތީގައި ހިނގައިފައިވާ އެކްސިޑެންޓުތަކާއި މިއަހަރުގެ ޖަނަވަރީ މަހުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

މިދިޔަ އަހަރު އައްޑޫ ސިޓީގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފާސްހިސާބު:

  • ޖަނަވަރީ މަހުގައި 22 އެކްސިޑެންޓް
  • ފެބުރުވަރީ މަހުގައި 27 އެކްސިޑެންޓް
  • މާރިޗް މަހުގައި 27 އެކްސިޑެންޓް
  • އެޕްރީލް މަހުގައި 28 އެކްސިޑެންޓް
  • މޭ މަހުގައި 18 އެކްސިޑެންޓް
  • ޖޫން މަހުގައި 20 އެކްސިޑެންޓް
  • ޖުލައި މަހުގައި 19 އެކްސިޑެންޓް
  • އޮގަސްޓު މަހުގައި 23 އެކްސިޑެންޓް
  • ސެޕްޓެންބަރު މަހުގައި 18 އެކްސިޑެންޓް
  • އޮކްޓޫބަރު މަހުގައި 24 އެކްސިޑެންޓް
  • ނޮވެންބަރު މަހުގައި 24 އެކްސިޑެންޑް
  • ޑިސެންބަރު މަހުގައި 27 އެކްސިޑެންޓް

މިއަހަރުގެ ޖަނަވަރީ މަހުގައި 27 އެކްސިޑެންޓެއް ހިނގާފައި ވާއިރު އެއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައި ހިނގައިފައިވާ 22 އެކްސިޑެންޓާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ މަގުމަތީގައި ދުއްވާއިރު އަމިއްލަ ރައްކާތެރިކަމަށާއި ވަށައިގެންވާ މީހުންގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް، ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 53 މައްސަލައެއް ހުށަހަޅާފައި ވާކަމަށް ތަފާސްހިސާބުން ދައްކައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ސިނަމާލެ ބުރިޖުގެ ހައިވޭގައި ހުރި ކޯންއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި، ސައިކަލަކުން ދިޔަ ބަންގްލަދޭޝްގެ ފިރިހެނަކު ނިޔާވެފައިވެއެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެ ފިރިހެން މީހާ ހައިވޭ މައްޗަށް ވެއްޓިފައި އޮއްވައި، ކައިރިން ދުއްވާފައި ދިޔަ ސައިކަލަކުން އޭނާގެ ގައިގައި ޖެހޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

އެ މައްސަލައާ ގުޅިގެން 60 އަހަރުގެ އަންހެނެއްގެ ސައިކަލު ޓޯކޮށް، ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

https://sun.mv/202187

ފުލުހުންނަށް ހުށަހަޅާ އެކްސިޑެންޓުތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރު 2،884 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ކުރީ އަހަރު ރިޕޯޓުކޮށްފައިވަނީ އެފަދަ 2،300 މައްސަލައެކެވެ.

comment ކޮމެންޓް