ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދު އެއް އަހަރުވީއިރު، ފެންނަނީ އުންމީދެއް ނެތި ރައްޔިތުން މާޔޫސްކަމުގެ ތެރެއަށް ވެއްޓިފައިވާ މަންޒަރު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޞާލިޙު ވިދާޅުވީ މި ސަރުކާރު ދަނީ އެއްވެސް އަމާޒެއް ނެތި ކަމަށެވެ. އަދި ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް އަހަރެއްވީއިރު ޑިމޮކްރަސީއާ ޚިލާފުވާ އެތައް ކަމެއް ފެނިގެންދިޔަ ކަމަށެވެ.
އަޅުގަނޑަށް ފެންނަނީ އުންމީދެއް ނެތް، އަމާޒެއް ނެތް ސަރުކާރެއްގެ ގޮތުގައި. މާޔޫސްކަމެއްގެ ތެރެއަށް ރައްޔިތުން ވައްޓާލައިފި. ބިރުވެރިކަމެއްގެ ތެރެއަށް ރައްޔިތުން ހިނގައްޖެ. ފުރަތަމަ ވެސް ހަވާލުވެ ފެއްޓެވި މަސައްކަތަކީ ނޫސްވެރިކަމާ ދެކޮޅަށް ފެއްޓެވި މަސައްކަތް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު
ޞާލިޙު ވިދާޅުވީ އެއް އަހަރުވީއިރު އޮތީ ސަރުކާރުގެ ބާރުގެ ދަށަށް ނޫސްވެރިކަން ގެނައުމަށްޓަކައި ގާނޫނީ ގޮތުން އެ ބާރު ނެގުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައި ކަމަށެވެ. އެގޮތުން އެ ބިލުގެ ދަށުން އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނަށް މީޑިއާއަކާ ބެހޭ ގޮތުން ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަމެއް ބަލައި ނިމެންދެން މުޅި މީޑިއާ ސަސްޕެންޑްކޮށްފައި ބޭއްވޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަމަކީ ޑިމޮކްރަސީއެއްގައި އެޅޭނެ އެންމެ ނުރައްކާތެރި އެއް ފިޔަވަޅު ކަމަށް ޞާލިޙު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރަކީ ވީ ވައުދާ ޚިލާފަށް އެތައް ދޮގުތަކެއްގެ މައްޗަށް ބިނާވެ ކުރިއަށްދާ ސަރުކާރެއް ކަމަށް ވިދާޅުވެ ޞާލިޙު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތަށް ކުރިއަށްދާނަމަ ރައްޔިތުންނަށް ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން މަސްވެރިންނަށް މިއަދު ކުރިމަތިވާ ދަތި ހާލު ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ ހާލުގަ ޖެހިފަ އޮތީ މަސްވެރިން ކަމަށާއި، 20 ރުފިޔާއަށް ވުރެ ބޮޑުކޮށް މަސް ގަންނަ އަގު ހިފަހައްޓައި 48 ގަޑިއިރުތެރޭ ފައިސާ ދޭނެކަމަށް ބުނި ނަމަވެސް އެކަން އެގޮތަށް ނުވާކަން ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި ދެ ހަފުތާ ތިން ހަފުތާއިން ލާރި ނުލިބޭ މަސްވެރިން އެބަތިބި ކަމަށާއި މަސް ގަންނަ އަގު ވެސް ދަށްކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން ސިއްޙީ ފަރުވާއަށް ވެސް ސަލާންޖަހަން ޖެހިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޞާލިޙު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން ޑިމޮކްރަސީ ވެރިކަމެއްގެ އަމާޒު ކަސިޔާރުވެގެން ދިޔަ މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒު ހުވާކުރައްވަންދެން އެ މަގާމުގައި ހުންނާނީ އެއިރަކު ހުރި ރައީސެއް ކަމަށާއި އެދުވަހު އެ މަގާމުގައި ހުރީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިއިރު އެމަނިކުފާނު ރިސީވް ކުރައްވަން ވެސް އެއްވެސް ބޭފުޅަކު އެ ދުވަހު ނެތް ކަމަށް ވިދާޅުވިއެވެ.
އަދި ވެރިއަކަށް ހުންނަވާ ބޭފުޅަކަށް ލިބިދޭންޖެހޭ އިހުތިރާމް ފުރަތަމަ ދުވަހު ވެސް ނުލިބުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސެއްގެ މޫވްމަންޓް ބަލަހައްޓާނެ އެތަނެއްގަ ތިއްބަވާ ބޭފުޅުން. އެހެންނަމަވެސް އަޅުގަނޑު ގޮސް އެތަނަށް ފޭބިއިރު އަޅުގަނޑު ރިސީވްކޮށްލާނެ ބޭފުޅެއް ވެސް ނެތް. ޝަކުވާއެއްގެ ގޮތުގައި ޕާސަނަލީ ބުނާ ވާހަކައެއް ނޫން. އެކަމަކު ވެރިއަކަށް ހުންނަންވާ މީހާއަށް ކުރަންވާ އިހުތިރާމު ލިބިގެން ދިޔަތަނެއް އެ ދުވަހު އަޅުގަނޑަކަށް ނުފެނޭ. އެ ހިސާބުން އެއޮތީ އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރަސީ ވެރިކަމެއްގެ އަމާޒި ކަސިޔާރުވެފައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު
މި ސަރުކާރަށް މިއަދު އަހަރެއްވެގެން ދިޔައިރު އިދިކޮޅު އެމްޑީޕީން ގެންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.