ސަރުކާރަށް އަހަރެއް: ސިއްޙީ ދާއިރާއިން ފެނުނީ ހަރުދަނާ ފިޔަވަޅުތަކެއް!

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއް ފުރިފައިވާއިރު އެންމެ ބޮޑު ބަދަލުތަކެއް ގެނައި އެއް ދާއިރާއަކީ ސިއްޙީ ދާއިރާއެވެ. އެތައް ބަޔަކު ހީނުކުރާ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅީ ވެސް ސިއްޙީ ދާއިރާއިންނެވެ.

ސިއްޙީ ދާއިރާއޭ ބުނުމުން އެންމެންގެ ހިތަށް ވެސް އަރާނީ ހޮސްޕިޓަލުތައް ތަރައްގީކުރުމެވެ. އާ ހޮސްޕިޓަލްތައް އެޅުމެވެ. ޑޮކްޓަރުންނާއި ނަރުހުން އިތުރުކުރުމެވެ. ބޭރަށް ގޮސް ހޯދަންޖެހޭ ފަދަ ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމެވެ. ނަމަވެސް މި ސަރުކާރަށް އަހަރެއް ވީއިރު, މިވީހާ ދުވަހު ކުރަންޖެހި އެހެންނަމަވެސް ނުކުރާ އެތައް ކަމެއް ތަންފީޒުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އޭގެ އެއް މިސާލަކީ ރައްޔިތުންގެ ސިއްޙަތާ ގުޅުން ހުރި ވޭޕް ނުވަތަ އީ-ސިނގިރޭޓު ރާއްޖެއަށް އެތެރެކުރުން މަނާކޮށް, ބޭނުންކުރުން މަނާކުރުމުގެ ހަރުދަނާ ފިޔަވަޅެވެ. އިތުރު ކަމަކަށް ސިއްޙަތަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުން ރާއްޖޭގައި ސިނގިރޭޓު މިހާރު ވިއްކާ އަގުތައް ވަނީ އަތްނުފޯރާހާ ބޮޑަށް އުފުލިފައެވެ. މި ނޫނަސް ދިވެހީންނަށް ބޭނުންވާ މުހިންމު ޚިދުމަތްތަކެއް ފާއިތުވި 52 ހަފުތާގައި މި ސަރުކާރުން ވަނީ ފަށާފައެވެ.

"ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް ވިދާޅުވީ ސިއްޙީ ދާއިރާއަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ގާތްގަނޑަކަށް 27 ވައުދު އެބައޮތް ކަމަށާއި އެކިއެކި ޕޯޑިއަމްތަކުގައި ވެވަޑައިގެންފައިވާ 130 އެއްހާ ވައުދު އެބައޮތް ކަމަށެވެ. އަދި އެ މަނިކުފާނުގެ ލަފާފުޅާއެކު ހެލްތު މިނިސްޓްރީން އަންނަނީ އެ ވައުދުތައް ފަސް އަހަރުތެރޭ ފުއްދުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ހެލްތު ދާއިރާގެ ގިނަ ވައުދުތަކަކީ އެކަމެއް ފެށިފައި އެކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަންޖެހޭނެ ކަންކަން. މި ނިމިދާ އަހަރަކީ ހެލްތު ސެކްޓާއަށް ވަރަށް ކާމިޔާބު އަހަރެއް," ނާޒިމް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް --- ފޮޓޯ/ގެޓީ އިމޭޖަސް

ވޭޕް އެތެރެކުރުމާއި ވޭޕް ބޭނުންކުރުން މަނާކުރަން ނިންމުން

ސަރުކާރުން ވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މިމަހުގެ 15އިން ފެށިގެން މަނާކޮށްފައެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މަނާވާނެއެވެ.

މިހާރު ގާނޫނަށް ގެނައި ބަދަލާއެކު, އީ-ސިނގިރޭޓު އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފި ނަމަ، އެ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުން ހިމެނެއެވެ.

"މިކަން ކުރަންޖެހޭކަން މުޅި އާބާދީ އެބަ ގަބޫލުކުރޭ. އަޅުގަނޑު ދެކޭ ގޮތުގައި ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް," އެ ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މީގެކުރިން އެ ފިޔަވަޅު އަޅަން ފަަސްޖެހިފައި އޮތް ސަބަބެއް އެއްވެސް ވަރަކަށް ނޭނގެއެވެ. ނަމަވެސް މި ސަރުކާރުން އެ ފިޔަވަޅު ނެގީ ޖީލެއް ނެތި ނުދަނީސް ގައުމުގެ ހައްގުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުން

ރާއްޖެއަށް އެންމެ ގިނައިން ސިނގިރޭޓު އެތެރެ ކުރާ ރޫޓްއިން މީގެ ކުރިން ސިނގިރޭޓު ކާޓަންއެއް ވިއްކަމުން އައީ 995 އަށް ކަމަށްވީ ނަމަވެސް މިހާރު އެ އަގު ވަނީ 2240 ރުފިޔާއަށް ބޮޑުކޮށްފައެވެ. ރައީސް ބިލް ތަސްދީގުކުރެއްވި ދުވަހުން ފެށިގެން ބައެއް ފިހާރަތަކުން ވަނީ ސިނގިރޭޓު ފޮއްޓެއްގެ އަގު ބޮޑުކޮށްފައެވެ. މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބައެއް ފިހާރަތަކުން މިހާރު ސިނގިރޭޓު ފޮއްޓެއް ވިއްކަމުން އަންނަނީ 245 އާއި 250 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

އިސްލާހުތަކާއެކު ސިނގިރޭޓާއި ބިޑިން ނަގައި ޓެކުހުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން އަންނަ އަހަރު އެކަނި ވެސް 1.05 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

އެއާ އެމްބިއުލާންސް ޓެސްޓް ފްލައިޓް އަޅަނީ: ފުރަތަމަ ދަތުރު ކުރީ ކުޅުދުއްފުއްޓަށް-- ފޮޓޯ: ރައީސް އޮފީސް

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުން

މި ސަރުކާރުން ހަފުތާ 14ގެ ތެރޭގައި ވަނީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކޮށް ބަލި މީހުން އުފުލުމަށްޓަކައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައެވެ.

ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ތަމްރީން ލިބިފައިވާ 15 މީހުންނާ އެކު ފެށި އެއާ އެންބިއުލާންސްގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. ޑޭޝް8 މަރުކާގެ މަތިންދާ ބޯޓުގައި ދެމުން އަންނަ މި ޚިދުމަތް ސީޕްލޭންގައި ދޭންފެށީ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. ޚިދުމަތް ފަށާފައި ވަނީ އުރީދޫ މޯލްޑިވްސްއިން ހަދިޔާކުރި އިކުއިޕްމަންޓުތަކާ އެކުގައެވެ. އަދި މިދިޔަ މަހު އެ ކުންފުނިން ހަދިޔާ ކުރި ސްޕެޝަލައިޒްޑް އިކުއިޕްމަންޓުތަކާ އެކު އެންމެ ކްރިޓިކަލް ހާލަތްތަކުގައި ވެސް އެއާ އެމްބިއުލާންސްގެ ޚިދުމަތް ދެން ދެވޭނެއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ދޭން ފެށި ފަހުން މިހާތަނަށް 437އަށް ވުރެ ގިނަ ބަލިމީހުން އެއާ އެމްބިއުލާންސްގައި އުފުލައި، އަވަސް ސިއްޙީ ފަރުވާ ދީފައިވެއެވެ.

ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު ތަންފީޒުކުރުން

މިއަހަރުގެ ޖުލައި 22ގައި އަމަލުކުރަން ފެށި ބަލްކް ޕްރޮކިއުމެންޓަކީ ދިވެހި ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު، އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ބަލްކް ޕްރޮކިޔާކޮށް ރާއްޖެ ގެނައުމުގެ ސިޔާސަތެކެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި މިއިން ކޮންމެ މަސައްކަތަކީ އޭގެ ޒާތުގައި ނިމޭނެ މަސައްކަތެއް ނޫނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި އެއް ދުވަހުން އަނެއް ދުވަހަށް ތަރައްގީކޮށް, ކުރިއަރުވަން ޖެހޭނެ މަސައްކަތްތަކެކެވެ.

"އެ ބީދައިން މަސައްކަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދިޔުން އެއީ އަނެއް ޒިންމާ. ހެލްތު މިނިސްޓްރީން ކުރިއަށް ގެންދާނެ. ބޭސް ލިބޭ ނިޒާމު ހަރުދަނާ ނުކޮށް ހަގީގީ ފަރުވާއެއް ނުފެށޭނެ," ނާޒިމް ވިދާޅުވިއެވެ.

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ ފޭރުނު މީހަކު ވަނީ ބަންދުކޮށްފައި --ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އާސަންދަ ރިފޯމްކުރުން

"ދިވެހި ރައްޔިތުންގެ ކަންބޮޑުން އޮތް ކަމެއް އެއީ ނާޖާއިޒް ފައިދާ އެ ސްކީމުން ނަގަމުންދާތީ. އެކަން އެގޮތަށް ވާނަމަ އޭގެ އެންމެ ރަނގަޅު ގޮތުގައި އާސަންދަ ސްކީމުން ފަރުވާއެއް ނުދެވޭނެ ރައްޔިތުންނަށް. އެކަން އެގޮތަށް މިއަދާ ހަމައަށް އައިއިރު ވެސް މިއޮތީ ކީއްވެތޯ އެއީ އަޅުގަނޑުގެ ހިތަށް އަރާ ސުވާލެއް؟" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

އާސަންދައަކީ އަބަދުވެސް ދައުލަތަށް ބުރައެއްގެ ގޮތުގައި އޮންނަ ސްކީމެކެވެ. އިސްރާފުކުޑަކޮށް, މި ސްކީމްގެ ތެރެއިން ނާޖާއިޒް މަންފާ ނެގުން ހުއްޓުވުމަށްޓަކައި މި ސަރުކާރުން ވަނީ އާސަންދަ ނިޒާމު އިސްލާހު ކުުރުމުގެ މަސައްކަތްތައް ފަށާފައެވެ.

އެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގަށް ބަދަލުގެނައުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން ވަނީ އަގު މުރާޖައާ ކުރެވިފައިވާ 87 ބޭހެއްގެ އަގަށް ނޮވެމްބަރު އެކަކުން ފެށިގެން ބަދަލު ގެނެސްފައެވެ. އަދި 126 ބޭހެއްގެ އަގަށް ނޮވެމްބަރު 24އިން ފެށިގެން ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާއެކު 220 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި އާސަންދަ ސްކީމް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އެ އެހީ އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް އެހީ ލިބޭނެކަން ކަށަވަރުކުރުމާއެކު ނާޖާއިޒް ފައިދާ ނެގޭ ފުރުސަތުތައް މުޅިން ބަންދުކުރުމަށެވެ. އަދި އެއީ ކުއްލިއަކަށް ވާނެ ކަމެއް ނޫން ކަމަށާއި ޕްރޮސެސްއެއްގެ ތެރެއިން އެކަން އިސްލާހުވެގެންދާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.

"ވޭތުވެ ދިޔަ 10 އަހަރު ވެސް އާސަންދައަށް މަޖިލީހުން ފާސްކުރި ބަޖެޓަކުން އެ އަހަރެއް ނިންމައެއް ނުލެވޭ. އަބަދުވެސް ސަޕްލިމެންޓްރީ ބަޖެޓެއްގެ ތެރެއިން އާސަންދައަށް ފައިސާ އިންޖެކްޓް ނުކޮށް, އެ ނިޒާމު ހިންގިފައެއް ނެތް. އޭގެން އަންގައިދެނީ އެ ނިޒާމު ހިންގަނީ އެންމެ ރަނގަޅަށް ނޫންކަން. ފައިސާ ޚަރަދުކުރަނީ އެންމެ ރަނގަޅަށް ނޫން. ނުކޮށް ދޫކޮށްލެވެން ނެތް ކަމެއް އާސަންދަ ރިފޯމްކުރުމަކީ," ނާޒިމް ވިދާޅުވިއެވެ.

ޗޮކްލެޓް ޗިޕް ކުކީސް -- ފޮޓޯ/ މަރީވީއެމްއެމް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ ގާނޫނު ފާސްކޮށް އަމަލުކުރަން ފެށުން

ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ހަދައި ވިއްކުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. އެފަދަ އެތައް ކަމެއް މި ފަހުން ވަނީ ފަޅާ އަރައިފައެވެ. އެކަން އެހެން ބޮޑަށް ދިމާވާ ސަބަބަކީ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ވިޔަފާރި ބިދޭސީން ކޮންޓްރޯލް ކުރަން ފެށުމެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވިގޮތުގައި ސަރުކާރަށް އަހަރެއް ފުރޭއިރު, ހެލްތު ސެކްޓާގެ ބައެއް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބައެއް އިސްލާހުތައް ގެނައުމުގެ މަސައްކަތް ފަށައިގެން މިހާރު އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން މިއަހަރުގެ ތެރޭގައި ވުޖޫދަށް އައީ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގާނޫނު ކަމަށްވާއިރު, ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިހާރު އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ރައީސްގެ ލަފާފުޅާ އެއްގޮތަށް އެކަމަށް ބޭނުންވާނެ މީހުން ސިވިލް ސާވިސްގެ ތެރެއިން ހަމަޖައްސައި, އެ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.

"ހެލްތު ސެކްޓާގެ ކަންކަން ވަރަށް ބޮޑަށް ގުޅިލާމެހިފައި މިވަނީ އަޅުގަނޑުމެންގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ. ވަރަށް ގިނަ އިޖުތިމާއީ ކަންކަމާ. ކާބޯތަކެއްޗާ, މިހުރިހާ އެއްޗިއްސަކީ ވެސް ހެލްތު ސެކްޓާގައި އެނބުރޭ ތަކެތި. ހަރުދަނާ ގާނޫނެއްގެ ތެރެއިން ގަވާއިދެއްގެ ތެރެއިން މިތަކެތި މޮނިޓާނުކުރެވޭ ކަމަށްވާނަމަ, އެއީ ހެލްތު ސެކްޓާއަށް ހުރި ބޮޑު ގޮންޖެހުމެއް," ނާޒިމް ވިދާޅުވިއެވެ.

ނަފްސާނީ ފަރުވާ

މި ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި 24 ގަޑިއިރު ގުޅޭނެ ހެލްޕްލައިނެއް ނަފްސާނީ ބަލީގެ އެހީ ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ގާއިމުކުރެވިފަ ވާއިރު އެ ޚިދުމަތުގެ ބޭނުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހޯދަމުން ދާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން މި ވޭތުވެ ދިޔަ ދުވަސްތަކުގައި 1,000 އަށްވުރެ ގިނަ ފަރާތްތައް ހެލްޕްލައިންގެ އެހީ ހޯދާފައިވާ ކަމަށާއި, ދެން އޮތީ އެ ހެލްޕްލައިންގެ ޚިދުމަތް ފުޅާކޮށް, އިތުރަށް ތަރައްގީކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލްގެ މަސައްކަތް ހަތަރު މަސްތެރޭ ފައްޓަވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ވޭތުވެދިޔަ 52 ހަފުތާއަކީ ނުވަތަ އެއް އަހަރު ދުވަހަކީ ހެލްތު ސެކްޓާގައި ރައީސް މުއިއްޒުގެ ސިޔާސަތު ތަންފީޒުކުރުމުގައި ވަރަށް މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެވިފަ އޮތް ދުވަސްތަކެއް," ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް