ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ އެކި ބޭފުޅުން ހިމެނޭ ވަފުދެއް، ޗައިނާގެ ސިއްހީ ދާއިރާގެ ކަންކަން ތަޖުރިބާ ކުރެއްވުމަށް ސިޗުއާން ޕްރޮވިންސަށް ހިނގައްޖެއެވެ.
މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މުޙައްމަދު މާހިރު އިސްވެ ހުންނަވައިގެން ކުރައްވާ މި ދަތުރުފުޅުގައި ބައިވެރިވާ ވަފުދު މިހާރު ވަނީ ސިޗުއާންއަށް ގޮސްފައެވެ.
މި ވަފުދުގައި މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ)، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް (އެމްއެންއެމްސީ)، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ތަމްސީލުކުރައްވާ އިސް ފަރާތްތައް ހިމެނެއެވެ.
ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ޒިޔާރަތުގައި، ސިޗުއާންގެ މަޝްހޫރު ބޮޑެތި ހޮސްޕިޓަލްތަކަށާއި، މެޑިކަލް ސްކޫލްތަކުގެ އިތުރުން ބޭސް އުފައްދާ ކުންފުނިތަކަށް މި ވަފުދުން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ސަރަޙައްދުގެ ކަމާބެހޭ މުހިންމު އިދާރާތަކާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، މިއީ ސިޗުއާންގެ ކަމާބެހޭ އިދާރާތަކާއި ސިއްހީ މަރުކަޒުތަކާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ވަފުދަށް ލިބިގެންދާ އަގުހުރި ފުރުސަތެއް ކަމަށެވެ.
އަދި ވަކިން ޚާއްސަކޮށް، ސިއްހީ ޚިދުމަތް ދިނުމާއި، ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ބޭހާއި މެޑިކަލް ސާމާނު އުފެއްދުމުގައި ޗައިނާގެ ތަޖުރިބާތަކާއި އުސޫލުތައް ދެނެގަތުމަށް މި ދަތުރުގެ ސަބަބުން މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އެކި ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދެވިދާނެ ދާއިރާތައް ހޯދައި، ގުޅުން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރެއްވުމަށް ސަފީރު ވަނީ އެދިވަޑައިގެންފައެވެ.