ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިން އޮން ޕެންޑަމިކް ޕްރިޕެއާޑްނަސް ހެލްތު ސެކިއުރިޓީ ބައްދަލުވުން ދިވެހިރާއްޖޭގައި ފަށައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދާ މި މުހިންމު ބައްދަލުވުމަކީ ބައިނަލްއަގުވާމީ 42 މަންދޫބުންނާއި، ސަރަހައްދީ ސިއްހީ ދާއިރާގެ އިސްވެރިންނާއި މާހިރުން ބައިވެރިވެވަޑައިގަންނަވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ "ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް" (ޕީއައިޕީ) ފްރޭމްވޯކާއި، "ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމާޖިންގް ތުރެޓްސް" (ޕްރެޓް) އިސްނެގުމުގެ އިތުރުން، ޑަބްލިއު.އެޗް.އޯ ޖީ.އައި.އެސް.އާރް.އެސް ޔުނިޓީ ސްޓަޑީޒް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމެވެ.
ގައުމީ ފެންވަރުގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި، ޑަބްލިއު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ "ޕެންޑެމިކް ފަންޑް" ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ގީލާ ވަނީ ސަރަހައްދީ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ސިއްހީ ނިޒާމުތައް ހަރުދަނާކޮށް މޮނިޓާކުރުމާއި ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވައިލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރާއްޖޭގައި ކުރިއަށްދާ ޑަބްލިއުއެޗްއޯ ޕެންޑެމިކް ޕްރެޕެއާޑްނަސް ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ސަރަހައްދީ މި މުހިންމު ރިވިއު ބައްދަލުވުން ރާއްޖޭގައި ބޭއްވުމާއި، މި ބައްދަލުވުމުގައި އަމަލީ ގޮތުން ބައިވެރިވުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. އެގޮތުން މި ބައްދަލުވުމުގެ ސަބަބުން ކުރާނެ މުހިންމު ފައިދާތަކުގެ ތެރޭގައި:
- ގައުމީ އޮނިގަނޑުތައް ހަރުދަނާވުން: ސަރަހައްދީ ރޯޑްމެޕްތަކާ (2026-2031) އެއްގޮތަށް ފަންނީ މަސައްކަތްތައް ބައްޓަންކުރުމަކީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބަލިތައް ދެނެގަތުމަށާއި އެކަމާ ގުޅޭ ގައުމީ އިސްތިރާޖީތައް އިތުރަށް ފުރިހަމަކުރުމަށް ލިބޭ ބާރެކެވެ. މީގެ ތެރޭގައި އިންފްލުއެންޒާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ސީރިއަސް ބަލިތަކާ (SARI/ILI) ގުޅޭ އުސޫލުތައް އަދާހަމަކުރުން ހިމެނެއެވެ.
- ބައިނަލްއަގުވާމީ އަދި ސަރަހައްދީ އެހީތެރިކަން އިތުރުވުން: 'ޕެންޑަމިކް ފަންޑް' ބޯޑުގައި މިނިސްޓަރު ގީލާ، ރާއްޖެ ތަމްސީލުކުރެއްވުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ހާއްސަ ނާޒުކު ހާލަތްތަކަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމުގައި އިސްކަންދެވޭކަން ކަށަވަރުވެގެންދާނެއެވެ.
- ގާބިލުކަން އިތުރުކުރުން: ޔޫ.ކޭ ހެލްތު ސެކިއުރިޓީ އެޖެންސީ (UKHSA) އާއި ޑަބްލިއު.އެޗް.އޯގެ ކަމާގުޅޭ މަރުކަޒުތައް ފަދަ ބައިނަލްއަގުވާމީ މާހިރުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ފަހިވުމުން، ރާއްޖޭގެ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތައްޔާރީތަކާއި، ލެބޯޓްރީ ތަހުލީލުތަކުގެ ފެންވަރާއި، ކްލިނިކަލް ރިސާޗް ނެޓްވޯކްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ރާއްޖޭގައި ކުރިއަށްދާ ޑަބްލިއުއެޗްއޯ ޕެންޑެމިކް ޕްރެޕެއާޑްނަސް ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ގައުމުތަކުން ދުނިޔޭގެ ސިއްހީ ބަލިމަޑުކަމުގެ ކާރިސާތަކުން ލިބިގަތް ފިލާވަޅުތަކުގެ އެހީގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެޅޭ މުހިންމު ބިންގަލެކެވެ.