ހުޅުމާލޭގައި ފުރިހަމަ މެޑިކަލް ކޮލެޖަކާއި ޓީޗިން ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްވަރާތައް ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރިއަށްދާ ކަމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސޫލް ލޯދީ ވިދާޅުވެއްޖެއެވެ.
ސަން އޮންލައިންގެ "ޑިޕްލޮމެޓިކް ފޯކަސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ދާއިރާއަށް ގިނަ އަދަދެއްގެ ޑޮކްޓަރުން ބޭނުންވާ ކަމަށާއި، މިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ޓަކައި ހުޅުމާލޭގައި ފުރިހަމަ ވަސީލަތްތަކާއެކު މެޑިކަލް ކޮލެޖަކާއި ޓީޗިން ހޮސްޕިޓަލެއް އެޅުމަށް ދިވެހި ސަރުކާރާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
މިއީ ބޮޑު ޚަރަދެއް ހިނގާނެ މަޝްރޫއަކަށް ވާތީ، ދެ ގައުމުގެ ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ އެހީތެރިކަމާއެކު ފަންޑު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި 2017 ވަނަ އަހަރު މެޑިކަލް ސްކޫލެއް ގާއިމުކުރުމުގައި ވެސް ޕާކިސްތާނުން އެހީތެރިވެދީފައިވާކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، މިހާތަނަށް އެ ސްކޫލުން ތިން ބެޗެއް ދަސްވެނިވެ، 80 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން ތަމްރީނުވެފައިވުމަކީ ދެ ގައުމަށް ވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މީގެ އިތުރުން ތަޢުލީމީ ދާއިރާއިން ވެދޭ އެހީތައް ފުޅާކުރުމުގެ ގޮތުން، ޕާކިސްތާނުން ދިވެހި ދަރިވަރުންނަށް ދޭ ސްކޮލަޝިޕްގެ އަދަދު މިހާރު އިތުރުކޮށްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން ކުރިން އަހަރަކު ހަތަރު ނުވަތަ ފަސް ފުރުޞަތު ދިން ނަމަވެސް، މި އަހަރު އެ އަދަދު 12 އާއި 15 އަށް އިތުރުކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މި އަދަދު އިތުރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވާ "ވަރަ" އެގްޒިބިޝަންގައި ޕާކިސްތާނުގެ ހަޔާ އެޑިއުކޭޝަން ކޮމިޝަންގެ ދަށުން 20 ޔުނިވާސިޓީއަކުން ބައިވެރިވާނެ ކަމަށް ވެސް ހާމަކުރެއްވިއެވެ. މި އެގްޒިބިޝަންގެ ތެރެއިން މެޑިސިންގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ކޮމްޕިއުޓަ ސައިންސް، އިންޖިނިއަރިން އަދި މެރިޓައިމް އެޑިއުކޭޝަން ފަދަ ޒަމާނީ ދާއިރާތަކުން ފުރިހަމަ އަދި ސަބްސިޑައިޒްޑް ސްކޮލަޝިޕްތަކުގެ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ހުޅުވާލާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.