ޑޮލަރު މާރުކުރުމާ ގުޅޭ މައްސަލާގައި މަޖިލީހުން ޓޫރިޒަމް ދާއިރާއާއެކު ބައްދަލުކުރަން ހުށަހަޅައިފި

މެންބަރު މުހައްމަދު އިބްރާހިމް: ޑޮލަރު މާރުކުރުމާ ގުޅޭ މައްސަލާގައި މަޖިލީހުން ޓޫރިޒަމް ދާއިރާއާއެކު ބައްދަލުކުރަން ހުށަހަޅައިފި -- ފޮޓޯ/ މަޖިލީސް

ޑޮލަރު މާރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިފަހުން އެކުލަވައިލި އާ ގަވައިދުތަކާއެކު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމިޓީއަށް ގެންނަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރޭ އެދިވަޑައިގެންފިއެވެ.

މެންބަރު މުހައްމަދު އިބްރާހީމް އެފަދައިން އެދިވަޑައިގަތީ، ޓޫރިސްޓު ފެސިލިޓީތަކަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް، ފާއިތުވި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އެމްއެމްއޭއިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ބުނެފައި ވަނީ ރާއްޖެއަށް ޒިޔާރާތްކުރާ ޓޫރިސްޓުންގެ ތެރެއިން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށްފައިވާތީ، ޓޫރިޒަމް ސިނާއަތުގައި އެކަމާމެދު ނުހަނު ބޮޑަށް ކަންބޮޑުވުން އޮތް ކަމަށް ދެކޭ ކަމަށެވެ.

އަދި ގަވާއިދަށް ބަދަލު ގެނައުމުގެ ކުރިން، ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާ އެމްއެމްއޭއިން ބައްދަލުވުންތަކެއް ބާއްވައި، ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ބޭންކަށް މާރުކުރާގޮތަށް ހަމަޖެއްސުމުގެ ފޯމިއުލާތަކެއް އެ އޮތޯރިޓީންް ހުށަހެޅި ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އެ ބައްދަލުވުންތަކުގައި ބައިވެރިވި ފަރާތްތަކުން އެ ކަމާމެދު ކަންތައްތަކެއް ހުށަހެޅި ނަމަވެސް އެ ފަރާތްތަކުން ހުށަހެޅި އެއްވެސް ކަމެއް ބަލައިގެންފައި ނުވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހާމަކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ޓޫރިސްޓު ވިޔަފާރިތަކުން ފާއިތުވި އޮކްޓޯބަރު މަހުގެ 30 ގެ ނިޔަލަށް އެމްއެމްއޭގައި ރަޖިސްޓްރީވާން ހުޅުވާލި ނަމަވެސް އެ ސިނާއަތުގެ ގިނަ ފަރާތްތަކުން ގަވާއިދުގެ ދަށުން ރަޖިސްޓްރީ ނުވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަމުގައި ކަންބޮޑުވުން ފާޅުކޮށް 50 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓަރުން މިހާތަނަށް އެމްއެމްއޭއަށް ސިޓީ ފޮނުވާފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ދެންނެވުނު ގަވާއިދަކީ ޓޫރިޒަމް ސިނާއަތުގެ ވިޔަފާރީގެ ހަގީގަތްތަކާ ދުރު، ދިވެހިރާއްޖޭގެ މި ވަގުތުގެ އިގްތިސޯދީ ހާލަތާ ނުބައްދަލު ގަވާއިދެއް ކަމަށާއި އަދި އޭގެ ސަބަބުން މާލީ ހާލަތަށް ކުރާނޭ ނޭދެވޭ އަސަރުތަކުގެ ވާހަކަތައް، ތަފުސީލާއި ހިސާބުތަކާ އެކު ބަޔާންކޮށްދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބޭ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

ގިނަ ފަރާތްތަކަކުން ރަޖިސްޓްރީ ނުވާ ކަމަށް މެންބަރުގެ ސިޓީގައި ބުނެފައިވީ ނަމަވެސް އެމްއެމްއޭއިން ބުނީ ރާއްޖޭގައި ހިންގާ 174 ރިސޯޓްގެ ތެރެއިން 173 ރިސޯޓުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ގަވާއިދާ ގުޅޭ ގޮތުން މިހާތަނަށް ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށާއި، ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުން ދެނެގަތުމަށްޓަކައި ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިވާ ވިޔަފާރިތަކާއި އަދި ވިޔަފާރިވެރިންނާ ބައްދަލުކުރަން އެ ސިޓީގައި ވަނީ އެދިފައެވެ.

އަދި އެ ބައްދަލުވުން އާންމުކޮށް ހުޅުވާއިލައިގެން ރައްޔިތުންގެ މަޖިލީހުގެ އިގުތިޞާދީ ކޮމިޓީން އެ ފަރާތްތަކުގެ އަޑު އެހުމުގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށް ދޭން ވަނީ އެދިފައެވެ.

comment ކޮމެންޓް