މިއަދުން ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ލޯނަށް އެދެވޭނެ

ހިޔާވަހި ސްކީމް އިފްތިތާހުކޮށްދެއްވުމުގެ ހަފްލާގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު ޑރ. އަލީ ހައިދަރު: މިއަދުން ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ލޯނަށް އެދެވޭނެ -- ފޮޓޯ: ރައީސް

ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސެންޓުގެ އިންޓަރެސްޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓު ރޭޓުގައި ދޭ ލޯނަށް، "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް މިއަދުން ފެށިގެން އެދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ފަސް ޕަސެންޓުގެ އިންޓަރެސްޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓު ރޭޓުގައި ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ލޯން ދޭ ސްކީމެއް ތައާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިދިޔަ އަންގާރަ ދުވަހު އެމަނިކުފާނު ވަނީ މި ލޯން ސްކީމް އިފުތިތާހުކޮށްދެއްވާފައެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް، ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގައި މިއަދުން ފެށިގެން ބައިވެރިވެވޭނެއެވެ. އަދި މި ޕޯޓަލްއަށް އީފާސް މެދުވެރިކޮށް ލޮގްއިން ވެވޭނެއެވެ.

މި ސްކީމްގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ), ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އެވެ.

މި ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާނީ ތިން ގިންތިއަކުންނެވެ. އެ ގިންތިތަކަކީ:

  • އަތޮޅު ތެރެއަށް: މި ގިންތީގެ ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެއެވެ. އެ ލޯނު ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށެވެ.
  • އާބަން ސެންޓަރުތަކަށް: ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ލޯނު ދޫކުރާނީ ބީއެމްއެލާއި އެމްއައިބީ މެދުވެރިކޮށެވެ.
  • ފުރަމާލެއަށް: މާލެ ސަރަހައްދުގައި ގެއަޅަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުމެވެ.

މާލެއަށް ދޫކުރާ ލޯނުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ކޮންމެ ބިމަކަށް އިތުރު އެއް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހިމަނަން ފުރުސަތު ލިބޭނެއެވެ.

މި ސްކީމަށް ލޯނު ދޫކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ.

comment ކޮމެންޓް