ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓު އެޅުމަށްޓަކައި އެ މަޝްރޫއުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
އެމަޝްރޫއުގެ ތަފްސީލުތައް "ސަން"އާ ހިއްސާކުރައްވައި ހަމްދާން ވިދާޅުވީ، އެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭރުގެ ތިން ކުންފުންޏަކާ އެއްކޮށް ފްރޭމް ވޯކް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މިގޮތުން، އެ މަޝްރޫއު ތިން ބަޔަކަށް ބަހާލާފައިވާއިރު، އޭގެތެރެއިން 5،000 ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތުރުކީގެ ކުންފުންޏަކާއެވެ.
ތިން ހާސް ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމުގައި ސްރީލަންކާގެ ކުންފުންޏަކާ އެއްކޮށް ސޮއިކޮށްފައިވާއިރު، ބާކީ 5،000 ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމެއް ހެދީ ޗައިނާ ކުންފުންޏަކާ އެއްކޮށެވެ.
މިގޮތުން، އެ ހައުސިން ޔުނިޓުތައް އެޅުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަށް ޔުނިޓުތައް އިމާރާތްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ، އެ މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ބޭރުގެ ފައިނޭންސް އެޖެންސީތަކުން ލޯނު ނަގައިގެން ކަމަށެވެ.
މީގެއިތުރުން، މި އަހަރު ނިމުމުގެ ކުރިން އިކޮނޮމިކް ކައުންސިލަށް ހުއްދައަށް އެދި ފޮނުވާނެ ކަމަށާއި މަޝްރޫއުގެ ފައިނޭންސިންގެ ޓާމް ޝީޓް ލިބުމުން އިތުރު މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އަންނަ އަަހަރު މާލެއާއި އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން 27،000އަށް ވުރެ ގިނަ ހައުސިން ޔުނިޓުތައް އަޅަން ފަށާނެ ކަން އިއުލާނުކުރައްވާފައެވެ. އެގޮތުން، މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އެޅުމަށާއި ރަށްތަކުގައި 12،940 ހައުސިން ޔުނިޓު އަޅަން ރައީސް ވަނީ ނިންމަވާފައެވެ.
މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން އެފްޑީސީން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.