5 ޕަސެންޓުގައި ހައުސިން ލޯނު ލިބޭ ހިޔާވަހި ސްކީމް އިފްތިތާހުކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިޔާވަހި ސްކީމް އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ، ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސެންޓުގެ އިންޓަރެސްޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓު ރޭޓުގައި ދޭ ލޯނު ސްކީމް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ސްކީމް އިފްތިތާހުކޮށްދެއްވީ، އެކަމަށް ޓަކައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒެެވެ.

މި ސްކީމްގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ:

  • ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)
  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

މި ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާނީ ތިން ގިންތިއަކުންނެވެ. އެ ގިންތިތަކަކީ:

  1. އަތޮޅު ތެރެއަށް: އެގޮތުން މި ގިންތީގެ ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެއެވެ. އެ ލޯނު ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށެވެ.
  2. އާބަން ސެންޓަރުތަކަށް: ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ލޯނު ދޫކުރާނީ ބީއެމްއެލާއި އެމްއައިބީ މެދުވެރިކޮށެވެ.
  3. ފުރަމާލެއަށް: މާލެ ސަރަހައްދުގައި ގެއަޅަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުމެވެ.

މާލެއަށް ދޫކުރާ ލޯނުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ކޮންމެ ބިމަކަށް އިތުރު އެއް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހިމަނަން ފުރުސަތު ލިބޭނެއެވެ.

ހިޔާވަހި ސްކީމް އިފްތިތާހުކޮށްދެއްވުމުގެ ހަފްލާގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު ޑރ. އަލީ ހައިދަރު -- ފޮޓޯ: ރައީސް

މި ހަފްލާގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ލޯނު ދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ޝަރުތުތަކުގެ ތަފްސީލް މި ހަފުތާ ނިމުމުގެ ކުރިން ގެޒެޓުކުރާނެކަމަށެވެ.

ސްކީމަށް އެޕްލައިކުރަންޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މި ސްކީމަށް ލޯނު ދޫކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ.

އެއާއެކު އުންމީދަކީ މި ސްކީމްގެ ދަށުން ގިނަ އާއިލާތަކަކަށް ބޯހިޔާވަހިކަން ލިބި ދިރިއުޅުން ތަނަވަސްވުމުގެ ފުރުސަތު ލިބުންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިއަދަކީ ރައީސްގެ އެންމެ މުހިންމު އެއް ވައުދު ހާސިލްވާ ދުވަސްކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.

comment ކޮމެންޓް