ކުރީ ސަރުކާރުން ހަވާލުކޮށްފައި ހުރި ފުލެޓުތައް އަލުން އިވެލުއޭޓް ކުރުމަކީ ކޮރަޕްޝަން: ޔާމީން

ރައީސް ޔާމީން ޕީއެންއެފް އޮފީހަށް ވަޑައިގަތުން: ވިދާޅުވީ ކުރީ ސަރުކާރުން ހަވާލުކޮށްފަ ހުރި ތަންތަން އަލުން އިވެލުއޭޓް ކުރުމަކީ ކޮރަޕްޝަނެއް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފުލެޓާއި ގޯތި ދޫކޮށްފައިވާ މީހުންގެ ލިސްޓު އަލުން އިވެލުއޭޓްކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެއީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓެއް ކުރިން އޮތީ އާންމުކޮށްފައެވެ. މިހާރު ވެސް ފަހިދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ފްލެޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ އެމްޑީޕީ ސަރުކާރުން ދޫކުރި ފްލެޓުތަކާއި ބިންތައް މި ސަރުކާރުން އަލުން އިވެލުއޭޓް ކުރާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން ދޫކޮށްފައި ހުރި ފްލެޓްތަކާއި ބިންތައް އަލުން އިވެލުއޭޓްކުރުމަކީ ގާނޫނީ ގޮތުންވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ސީދާ ކޮރަަޕްޝަނަށް މަގުފަހިވާފަދަ ކަންތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އޭސީސީން ލިސްޓުގައި މައްސަލައެއް ނޫޅޭ ކަަމަށް ބުނުމުން އެގޮތަށް ދޫނުކޮށް ނުހިފެހެއްޓޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އޭސީސީން ކަނޑައެޅިގެން މިއޮތީ ގޯހެއް ހަދާފައި ކަމަށް ނުދައްކާހާ ހިނދަކު ކުރީ ސަރުކާރަކުން ދީފައި ހުރި ތަންތަން އާ ސަރުކާރަކުން އައިސް އެހެން ބަދަލެއް ނުކުރެވޭނެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

ޔާމީން ވަނީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ދޭތެރޭ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން 2025 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓޭ ބުނެ މި ސަރުކާރުން ހަދަނީ ދޮގެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީއެންއެފްގެ ޖަލްސާގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެގޮތުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެންމެ ދެ ބިލިއަން ޖަހައިގެން އެއީ ގެދޮރުވެރިކަމުގެ ބަޖެޓޭ ބުނާ ބުނުން އެއީ ބޮޑު ދޮގެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނުވަ ބިލިއަން ޖެހި ބަޖެޓުން [2024 ގެ ބަޖެޓުން] ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 2 ބިލިއަން ވެސް ޚަރަދުނުކުރޭ. މިހުރީ ކަންކަން ސްޕިންކުރަން ކުރާ މަސައްކަތް. އަޅުގަނޑު ހަމަ ހައިރާންވޭ. ބޮޓުން ލައްވާ މި ލިޔުއްވަނީ މިހާރު އެންމެ ހައްސާސް މައްސަލައަކީ ގެދޮރުވެރިކަންވީމަ މި ފާސްކުރާ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓޭ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

ޔާމީން ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށްވީ ވައުދުތަކާ އެންމެ އަވަހަށް ޚިލާފުވި ވެރިންގެ ވެރިކަން ކަމަށެވެ. އަދި މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން ވަނީ އިންތިހާއަށް ގޮސްފައި ކަމަށް ވެސް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

އެމަނިކުފާނު އެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން، ކުރީ ސަރުކާރުން ދޫކުރި ފްލެޓާއި ބިންތައް އެއްވެސް ބަދަލެއް ނެތި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށެވެ.

ފުލެޓުތައް ދޫކުރުމުގެ މަސައްކަތް ލަސްވާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު އެ މައްސަލައިގައި އެކި އިހުތިޖާޖުތައް ވެސް އަންނަނީ ބާއްވަމުންނެވެ.

މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނީ މިދިޔަ އޮކްޓޯބަރު މަހު ފްލެޓު ލިސްޓު އާންމުކުރާނެ ކަމަށެވެ. ނަމަވެސް އެ މަސް ނިމުނު އިރުވެސް އެ ލިސްޓު ހާމަކުރެވިފައެއް ނުވެއެވެ. އެކަމަށް އިތުރު ވަގުތު ބޭނުންވާތީ ދެން އެ ކަން ވާނީ މިމަހުކަމަށް އެ މިނިސްޓްރީން ވަނީ ފަހުން ބުނެފައެވެ.

comment ކޮމެންޓް