ތައުލީމީ ދާއިރާގެ 300 އެއްހައި މުވައްޒަފުންނަށް މިދިޔަ ސަރުކާރުގައި އަނިޔާވެރިވި: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު: އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުގައި 300 އަށްވުރެ ގިނަ މުވައްޒަފުންނަށް އެއްވެސް ހެއްކެއް ނެތި ފިޔަވަޅު އަޅާފައިވާ ކަމަށް -- ފޮޓޯ/ މަޖިލީސް

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ 300 އެއްހައި މުވައްޒަފުންނަށް އެކަށިގެންވާ ހެއްކެއް ނެތި މިދިޔަ އެމްޑީޕީގެ ސަރުކާރުން އަނިޔާވެރިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ތުހުމަތުކުރައްވައިފިއެވެ.

އެކިއެކި މައްސަލަތަކުގައި މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅޭ ގޮތުން ސުވާލުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިނެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީއު މިއަދު ވިދާޅުވީ، މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަމާ ހަވާލުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ދެއްވި ނަސޭހަތްޕުޅަކީ މުވައްޒަފުންނާ މެދު އަދުލުވެރިކަމާ އެކު ކަންކުރާށެވެ.

އެކަމަކު، މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ތައުލީމީ ދާއިރާގެ މުވައްޒަފުންނާ މެދު ބޭއިންސާފުން ކަންކޮށްފައިވާ ކަމަށް މިނިސްޓަރު ތުހުމަތުކުރެއްވިއެވެ.

އެ ގޮތުން، 40 ޕްރިންސިޕަލުންނެއް އެ ބޭފުޅުން ތިއްބެވި ސްކޫލު ނޫން އެހެން ސްކޫލުތަކަށް އަރުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ބައެއް މުވައްޒަފުންނަށް އެ ސަރުކާރުގައި އަނިޔާވެރިވެފައިވާ ކަމަށް ތުހުމަތުކުރައްވައި މިނިސްޓަރު ވިދާޅުވީ، 300 އެއްހައި މުވައްޒަފުންނަށް އެކަށިގެންވާ ހެއްކެއް ނެތި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެކަމަކު، އެ ފިޔަވަޅުތަކާ ގުޅޭ އިތުރު ތަފުސީލެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.

"އެ ޓީޗަރަކާ ނުވަތަ މުވައްޒަފަކާ ދޭތެރޭ އުފުލޭ ޝަކުވާ އެއީ ކްރެޑިބަލް ގޮތެއްގައި އަދުލުވެރި ގޮތެއްގައި އަންނަ ޝަކުވާއެއް ގޮތުގައި އަޅުގަނޑުމެން ކަށަވަރުކުރާނަން،" މި ސަރުކާރުން ބޭއިންސާފު ނުވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، މިނިސްޓްރީއަށް ހުށަހަޅާ ކޮންމެ ޝަކުވާއަކަށް ފިޔަވަޅު އަޅަން ފައްޓައިފި ނަމަ، ގާނޫނުއަސާސީން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގުތަކަށް ހުރަސްއެޅޭނެ ކަމަށެވެ.

"ފިޔަވަޅު އެޅުމުގައި އަޅުގަނޑުމެން ގެންގުޅޭނީ އަދުލުވެރިކަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ގޮތުން، މިހާރު މިނިސްޓްރީއަށް ލިބޭ ޝަކުވާތައް ބެލުމުގެ ކުރިން ޝަކުވާގެ ސައްހަކަން ޔަގީންކުރާނެ ކަމަށާއި އަދި ރަށްރަށަށް ވެސް މިނިސްޓްރީގެ ޓީމުތަކުން ދަތުރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް