އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިފުތިތާހުކޮށްފައިވާ "އައްޑޫ ބިޔޮންޑް ދަ އިކުއޭޓާ" އިނގިރޭސިވިލާތުގެ ލަންޑަންގައި އޮތް ވޯލްޑް ޓޫރިޒަމް މާކެޓުގައި ތައާރަފުކޮށްފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އައްޑޫ ޑެސްޓިނޭޝަން މެނޭޖްމަންޓް އޮފީސް (އޭޑީއެމްއޯ)އާ ގުޅިގެން ބޭއްވި ހަފުލާއެއްގައި "އައްޑޫ ބިޔޮންޑް ދަ އިކުއޭޓާ" ތައާރަފުކޮށް، އައްޑޫއަކީ ކޮންމެހެން ވެސް ފަތުރުވެރިން ޒިޔާރަތް ކުރަން ޖެހޭ ތަނެއްގެ ގޮތުގައި ވަނީ ޕްރޮމޯޓުކޮށްފައެވެ.
އައްޑޫ ޓޫރިޒަމް އިޝްތިހާރުކުރުމުގެ ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ހަފުލާ ފެށީ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރާއި އެމްއެމްޕީއާރުސީގެ ޗެއާމަން ޢަބްދުﷲ ގިޔާސް އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ ވާހަކަފުޅުންނެވެ.
މި ބޭފުޅުން ވާހަކަފުޅުގައި އައްޑޫގެ ރީތިކަމާއި، ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އައްޑޫގެ މުސްތަގުބަލާ ބެހޭ ގޮތުން ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެމްއެމްޕީއާރުސީން ބުނީ މި ބްރޭންޑާއެކު އައްޑޫ ސިޓީގެ ޓޫރިޒަމް ދަތުރުގެ އައު ބާބެއް ފެށިފައިވާ ކަމަށެވެ. އަދި ވޯލްޑް ޓްރެވަލް މާކެޓްގައި، އޭޑީއެމްއޯއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންނާ މަޝްވަރާކޮށް، އައްޑޫ ސިޓީގެ ޚާއްސަކަމާއި ތަފާތު ޚިދުމަތްތައް ފާހަގަކުރާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީން ވޯލްޑް ޓްރެވެލް މާކެޓް ލަންޑަނުގައި އައްޑޫ ބްރޭންޑް ތައާރަފުކުރުމަކީ ހަމައެކަނި ޕްރޮމޯޝަނަލް ފުރުސަތެއް ނޫން ކަމަށާއި މިއީ މުޅި ދުނިޔެއަށް، ޚާއްސަކޮށް އިނގިރޭސި ފަތުރުވެރިންނަށް، އައްޑޫއަކީ އެމީހުންގެ އަމިއްލަ ތާރީޚާ ގުޅިފައިވާ ތަނެއްގެ ގޮތުގައި ދެނެގަތުމަށް ދެވޭ ދަޢުވަތެއް ކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެެވެ.
އައްޑޫގެ ފަތުރުވެރިކަމަށް ޚާއްސަ ބްރޭންޑާއި ވެބްސައިޓް ލޯންޗު ކުރީ މިދިޔަ މަހުގެ 25ގައެވެ. އެ ބްރޭންޑު އިފުތިތާހުކުރީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއް އައްޑޫ ސިޓީއަށް ގެންދިއުމުގެ އަމާޒުގައެވެ.