ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއް އައްޑޫ ސިޓީއަށް ގެންދިއުމުގެ އަމާޒުގައި، "ބިޔޯންޑް ދި އީކުއޭޓާ"ގެ ނަމުގައި އައު ބްރޭންޑެއް ތައާރަފުކޮށް އައްޑޫ އިޝްތިހާރުކުރަން ފަށައިފިއެވެ.
މި ބްރޭންޑް އިފުތިތާހުކޮށްފައި ވަނީ ކެނެރީފް ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއީ އައްޑޫ ކައުންސިލްގެ ދަށުން އުފެއްދި "އައްޑޫ ޑެސްޓިނޭޝަން މެނޭޖްމަންޓް އޮފީސް (އޭޑީއެމްއޯ)" ގެ ދަށުން އިފުތިތާހުކުރި ބްރޭންޑްއެކެވެ.
"ބިޔޯންޑް ދި އީކުއޭޓާ" ބްރޭންޑް ނަމެއްގެ ގޮތުގައި ކަނޑައެޅީ، އައްޑޫއަކީ ދުނިޔޭގެ ޗާޓުގެ އީކުއޭޓާގައި އޮންނަ މަދު ސަރަަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދަކަށް ވާތީއެވެ.
އެގޮތުން މި ބްރޭންޑަކީ ރާއްޖެ ޕްރީމިއަމް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށާއި ޚާއްސަކޮށް އައްޑޫ ސިޓީގެ ތަފާތު ހިތްގައިމުކަމާއި ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުން ދައްކުވައިދެނީ އައްޑޫގައި ދެމެހެއްޓެނިވި، ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތެއް އުފެއްދުމަށް ކައުންސިލުން ދޭ އަހައްމިއްޔަތުކަމެވެ.
މި ބްރޭންޑާއެކު އައްޑޫގެ ތަރިކައާއި، ކަނޑުގެ ދިރުންތަކާއި، އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭނެއެވެ.
މި ބްރޭންޑްގެ ދަށުން އައްޑޫ ޕްރޮމޯޓްކުރުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ:
- ބިޔޯންޑް އޯޑިނަރީ
- ބިޔޯންޑް ބީޗަސް
- ބިޔޯންޑް ހޮރައިޒަން
- ބިޔޯންޑް ސެރެނިޓީ
- ބިޔޯންޑް ޑްރީމްސް
މި ރަސްމިއްޔާތުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަމުގެ އާ އައިޑެންޓިޓީގެ ފަހަތުގައިވާ ތަސައްވުރަކީ އައްޑޫއަކީ ރާއްޖެއަށް ޒިޔާރަތް ކުރާ ކޮންމެ މީހަކު ވެސް "ކޮންމެހެން ޒިޔާރަތްކުރަންޖެހޭ" މަންޒިލެއްގެ ގޮތުގައި ހެދުން ކަމަށެވެ.
އަޅުގަނޑުމެންގެ އަމާޒަކީ އައްޑޫއަކީ ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ޓޫރިސްޓަކަށް ބަކެޓް ލިސްޓް ޑެސްޓިނޭޝަނަށްވުން. އާ ބްރޭންޑުން އަޅުގަނޑުމެންގެ އަތޮޅުގެ ހަގީގަތް ދައްކުވައިދޭ، އައްޑޫގެ މޭޔަރު އަލީ ނިޒާރު
އައްޑޫ ޑެސްޓިނޭޝަން މެނޭޖްމަންޓް އޮފީހުގެ ހިންގުމާ ހަވާލުވެ ހުންނެވި ކައުންސިލަރު ހުސައިން ޒަރީރު ވިދާޅުވީ މި ބްރޭންޑް ތައާރަފުކުރުމަކީ އައްޑޫގެ ފަތުރުވެރިކަން ފުޅާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ އައްޑުއަށް އައުމަށް ފަތުރުވެރިންނަށް ދޭ ދައުވަތެއް ކަމަށާއި އެ ބްރޭންޑް ކާމިޔާބު ކުރުމަށްޓަކައި، އައްޑޫގެ ރައްޔިތުންނާއި، ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބްރޭންޑް އިފުތިތާހުުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.