ގައުމީ ޚިދުމަތުގެ ނިޒާމަކީ، ރަސްމީ ނިޒާމެއްގެ ތެރެެއިން ޒުވާނުންނަށް އަޅާލުމެއް ނުލިބުމުގެ ސަބަބުން ދައުލަތަށް އުފުލަން ޖެހޭ ބުރައާއި އިގުތިސާދީ އަދި އިޖުތިމާއީ ގެއްލުމުން މިންޖުކޮށްދޭނެ ނިޒާމެއް ކަމަށް ފުލުހުންގެ ތަރުޖަމާނު، ހެޑް އޮފް ސާވިސް ޑިވެލޮޕްމެންޓް ޑިރެކްޓްރޭޓް އަހުމަދު ޝިފާން މިރޭ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އިތުރަށް ކިޔެވުމާއި ވަޒީފާގެ ފުރުސަތު ނެތް ޒުވާނުން ސަލާމަތީ ޚިދުމަތަށް ތަމްރީނު ކުރުމަށް އަންނަ އަހަރު ނެޝަނަލް ސާވިސް ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.
އެ އިއުލާނާ ގުޅޭ ގޮތުން ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކިޔެވުމުގެ ކުރިމަގެއް ފަހިވެފައި ނެތް އަދި ވަޒީފާގެ ފުރުސަތެއް ލިބިފައި ނުވާ ހާލަތުގައި ތިބޭ ޒުވާނުން ކުށަށް ހުށަހެޅޭކަން ތަފާސްހިސާބުން ޔަގީންކޮށްދޭ ކަމަށެވެ.
"އަދި ބޯހިމެނުމުގެ އަދަދުތައް ބުނާގޮތުން 24-15 ދެމެދު އަހަރުގެ އުނގެނުމުގެ ފުރުޞަތު ނެތް އަދި ވަޒީފާއެއްގައި ޝާމިލް ނުވާ ގާތްގަނޑަކަށް 15 އިންސައްތަ ޒުވާނުން ރާއްޖޭގައި ދިރިއުޅޭ،" އޭނާ ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ގައުމީ ޚިދުމަތުގެ ނިޒާމަކީ އެފަދަ ޒުވާނުންނަށް އަޅާނުލެވުމުން ލިބޭ އެކި ގެއްލުންތަކުން މިންޖުކޮށްދޭނެ ނިޒާމެއް ކަމަށެވެ. އަދި އެއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތައާރަފުކުރާ ވަރަށް މުހިންމު ޕްރޮގްރާމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރޭ ރައީސް ވިދާޅުވީ ސިފައިންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރުތެރޭ، ކޮންމެ އަހަރަކު 1،000 ސިފައިން ތަމްރީނުކުރަންޖެހޭ ކަމަށެވެ. ހަމައެއާއެކު ފުލުހުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރުން 1،000 ފުލުހުން ތަމްރީނުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިހާރު ގާނޫނުގައިވާ ގޮތުންނަމަ ސިފައިންގެ މީހަކަށް ނުވަތަ ފުލުހަކަށް ވެވޭނީ 18 އަހަރު ފުރުމުންނެވެ.
ނަމަވެސް ނެޝަނަލް ސާވިސް ޕްރޮގްރާމްގެ ދަށުން، ސްކޫލް ނިންމައި، އިތުރަށް ކިޔެވުމުގެ ފުރުސަތު ނެތް، ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ނެޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމަކީ ގާނޫނުގެ ތެރެއިން ބާރު ލިބިގެން ހިންގޭނެ ޕްރޮގްރާމަކަށް ވާނެ ކަމަށް ރައިސް ވިދާޅުވިއެވެ.