ކިޔެވުމުގެ ފުރުސަތު ނެތް، ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ސަލާމަތީ ބާރުތަކުގެ ތަމްރީނުތަކުގައި ބައިވެރިކުރުވާ ގޮތަށް، ނެޝަނަލް ސާވިސް ޕްރޮގްރާމެއް ފަށަން ކަމަށްރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު އެ އިއުލާން ކުރެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ މަސައްކަތަށް ބޭނުންވާ ވަރަށް މީހުން ހޯދުމަށް މިހާތަނަށް މަސައްކަތެއް ނުކުރެވޭ ކަމަށެވެ. އެގޮތުން އޯލެވެލް ނިމި އޭލެވެލްއަށް ނުދެވި ތިބޭ އަދި އޭލެވެލް ނިންމައި ޑިގްރީއަށް ނުދެވި ތިބޭ ބައިވަރު ކުދިން އެބަތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ކުދިންނަށް މުޖުތަމައުގައި ވަޒީފާ ވެސް ނުލިބޭކަން ފާހަގަކުރެއްވިއެވެ.
ނަތީޖާއެއްގެ ގޮތުން އެފަދަ ކުދިން މަސްތުވާތަކެއްޗާއި އެކި ކަހަލަ ނުބައި އަމަލުތަކަށް ހުށަހެޅޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ސަރުކާރުންނާއި، މުޖުތަމައުއިންނާއި، އެ ކުދިންގެ އާއިލާއިން އުފުލަންޖެހޭ ބުރަ ބޮޑުކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އެކުދިންނަކީ އަސްކަރީ ތަމްރީނު ލިބި، ރަނގަޅަށް ތަރުބިއްޔަތު ކުރެވިއްޖެނަމަ ގައުމަށާއި ސިފައިންގެ ޚިދުމަތަށް ވެސް ލިބޭނެ ކުރިއެރުމަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރުތެރޭ، ކޮންމެ އަހަރަކު 1،000 ސިފައިން ތަމްރީނުކުރަންޖެހޭ ކަމަށެވެ. ހަމައެއާއެކު ފުލުހުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރުން 1،000 ފުލުހުން ތަމްރީނުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ ރާއްޖޭގައި، ދިވެހިރާއްޖޭގެ ޚިދުމަތުގެ ޕްރޮގްރާމްގެ ގޮތުގައި، ނެޝަނަލް ސާވިސްގެ ގޮތުގައި މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ފެށިގެން ދާނެ
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މިހާރު ގާނޫނުގައިވާ ގޮތުންނަމަ ސިފައިން ނުވަތަ ފުލުހަކަށް ވެވޭނީ 18 އަހަރު ފުރުމުންނެވެ.
ނަމަވެސް ނެޝަނަލް ސާވިސް ޕްރޮގްރާމްގެ ދަށުން އެގޮތަށް ސްކޫލް ނިންމައި، އިތުރަށް ކިޔެވުމުގެ ފުރުސަތު ނެތް، ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ނެޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމަކީ ގާނޫނުގެ ތެރެއިން ބާރު ލިބިގެން ހިންގޭނެ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގައި، 2025 އަށް ހުށަހަޅާފައި އޮތް ބަޖެޓުގައި ނިއު އިނިޝިއޭޓިވް ޕޮލިސީގެ ދަށުން 400 މިލިއަން ރުފިޔާ މިކަމަށް ޚާއްސަކުރެވިގެން ދާނެ. އަދި ކޮންމެ އަހަރަކު އިތުރު 400 މިލިއަން ރުފިޔާ އިތުރުކުރެވިގެންދާނެ
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެމަނިކުފާނު ވިދާޅުވީ ނެޝަނަލް ސާވިސްގެ ގޮތުގައި މިއަންނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފެށޭނެ ކަމަށެވެ.
އޭގެ ނަތީޖާއަކީ މަގުމަތީގައި ބާކީވެ ތިބުމުގެ ބަދަލުގައި ގައުމަށް ފައިދާހުރި ދަރީންތަކެއް ތަރުބިއްޔަތުވެގެން ދިޔުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.