މަޝްރޫއުތަކަށް އަންނަ އަހަރު ބިޔަ އަދަދެއް؛ 12 ބިލިއަން ރުފިޔާ

މަޝްރޫއެއްގެ ބޯޑެއް ކައިރީ މީހަކު: އަންނަ އަހަރަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ވަނީ ރިކޯޑު އަދަދެއް ބަޖެޓުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފިއެވެ.

މިއީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ބަޖެޓުކުރާ ރިކޯޑު އަދަދެކެވެ.

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމުލަ 56.6 ބިލިއަން ރުފިޔާ ބަޖެޓެކެވެ. އެއީ، ޖުމުލަ ޚަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާއެވެ. އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 39.8 ބިލިއަން ރުފިޔާއެވެ. އެއީ، އާމްދަނީއަށްވުރެ އިތުރަށް 9.4 ބިލިއަން ރުފިޔާގެ ޚަރަދެކެވެ.

ބަޖެޓުގައިވަނީ އަންނަ އަހަރަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމުލަ 12.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ. އެއީ، އާ މަޝްރޫއުތަކަށް މިހާތަނަށް ބަޖެޓުކުރާ އެންމެ ބިޔަ އަދަދު ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު ވިދާޅުވީ، ދައުލަތުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއުތަކަކީ އޭގެ ނަތީޖާ ހާސިލުކުރެވޭނެ މަޝްރޫއުތަކެއްކަން ޔަގީންކުރުމަށް، މަޝްރޫއުތައް ރާވައި ތަރުތީބުކޮށްގެން ގެންދިއުމަށް އެހީވެދޭނޭ ގޮތަށް ހަގީގީ އަންދާޒާތަކެއް ހިމެނޭ ޕީއެސްއައިޕީ ޕްލޭނެއް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

"މިއާ އެކު، އަހަރުތެރޭގައި މަޝްރޫއުތަކުގެ މަސައްކަތް މަޑުނުޖެހި ކުރިއަށް ގެންދެވޭނެކަން ޔަގީންކުރެވި، ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމައި، ދައުލަތުގެ މާލިއްޔާގެ ފުދުންތެރިކަމާ އެއްހަމަ މިންވަރެއްގައި ޕީއެސްއައިޕީގެ ހޭދަ ހިފަހައްޓަން ފުރުސަތު ލިބޭނެ،" ވަޒީރު ވިދާޅުވިއެވެ.

މި ހިނގާ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުކޮށްފައިވަނީ 8.9 ބިލިއަން ރުފިޔާއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރިން އެހާ ބޮޑެތި އަދަދުތައް ބަޖެޓުނުކުރި ނަމަވެސް، އަހަރު ނިމޭއިރު ބަޖެޓުކުރާ އަދަދަށްވުރެ މާ ގިނައިން އެ ފަދަ މަޝްރޫއުތަކަށް ޚަރަދުކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބަޖެޓުގައި ގެދޮރުވެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ. އެ ގޮތުން، އަންނަ އަހަރު ގެދޮރުވެރިކަމާ ގުޅޭ 1.5 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން ބަޖެޓުގައިވަނީ ހިމަނައިފައެވެ. އެއީ، ވެސް މީގެ ކުރިއާ އަޅައިބަލާއިރު ރިކޯޑު އަދަދެކެވެ.

މި އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ޚާއްސަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، މިއީ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ސަރުކާރުގެ ވައުދާ އެއްގޮތަށް ފަސް އިންސައްތައިގެ އިންޓްރެސްޓްގައި ދެ ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުން ވެސް ވަނީ ބަޖެޓުގައި ހިމަނައިފައެވެ.

މީގެ ކުރިން މި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މިދިޔަ ސަރުކާރުގައި ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ އަގު 40 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެ މަޝްރޫއުތަކަށް މި ހިނގާ އަހަރުގެ ބަޖެޓުގައި ޖަހާފައިވަނީ ކުދިކުދި އަދަދުތަކެއް ކަމަށް ބުނެ، ސަރުކާރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

މާލީ ވުޒާރާއިން ބުނީ، ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓު ކަނޑައަޅާފައިވާނީ ފަށާފައި ހުރި މަޝްރޫއުތައް ވެސް އިސްކަންދޭ ތަރުތީބުން ވީހާ ވެސް އަވަހަށް އެއްކޮށް ނިންމަން ކަމަށެވެ. މި ބަޖެޓުގައި މަޝްރޫއުތައް ނުނިންމޭ ވަރުގެ ކުދި އަދަދުތައް ޖަހާފައި ނުހުންނާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް