އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން ދައްކައިފިއެވެ.
މި ހިނގާ އަހަރު ސަޕްލިމެންޓަރީ ބަޖެޓާ އެކު ޖުމުލަ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާއިރު، މި އަހަރު ނިމޭއިރު އާމްދަނީއަށް ވުރެ އިތުރަށް 18 ބިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭނެ ކަމަށް މާލީ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މި އަހަރުގެ ބަޖެޓަކީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފާސްކުރި ބަޖެޓެކެވެ.
މި ސަރުކާރުގެ ފުރަތަމަ ބަޖެޓު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު މަޖިލީހަށް ހުށަހެޅިއިރު ޖުމުލަ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާއެވެ.
އެއީ، ޖުމުލަ ޚަރަދުގެ ގޮތުގައި 49.9 ބިލިއަން ރުފިޔާއެވެ. އެކަމަކު، އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ ޖުމުލައަކީ 39.8 ބިލިއަން ރުފިޔާއެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
އެހެންވެ، އަންނަ އަހަރު އާމްދަނީއަށްވުރެ އިތުރަށް ކުރާ ހޭދައަކީ 9.4 ބިލިއަން ރުފިޔާއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 7.9 އިންސައްތައެވެ. މިއީ ބޮޑު ކުޑަވުމެކެވެ. ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ވާނީ 2019ގެ ފަހުން ޖީޑީޕީގެ ނިސްބަތުން އެންމެ ޑެފިސިޓު ކުޑަ ބަޖެޓަށެވެ.
"ސަރުކާރުގެ ޚަރަދު ކުޑަކުރަން ފިޔަވަޅު އެޅުން އަހަރުތަކެއް ވަންދެން ފަސްކޮށް، ބޮޑެތި އަދަދުތަކުން ޑެފިސިޓް ބަޖެޓުތައް ތަންފީޒުކުރަމުން ގޮސްފައިވުމުގެ ނަތީޖާއަކީ، ދައުލަތުގެ ދަރަނި އިތުރުވެ، ދައުލަތުގެ އާމްދަނީއާ ބައްދަލު މިންވަރަކަށް ޚަރަދުތައް ކުޑަކުރުމަށް އެކީ އެއްފަހަރާ ގިނަ ނިޒާމީ ބަދަލުތަކެއް ގެންނަން މަޖުބޫރުވުން،" ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ އަހަރަށް ލަފައިކުރާ ދައުލަތުގެ ބަޖެޓުގައި ޖުމުލަ 11.5 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅު ހިމަނައިފައެވެ. އެއީ، އެ ފިޔަވަޅުތަކާ އެކު ޚަރަދުން ސަލާމަތްކުރެވޭ 6.6 ބިލިއަން ރުފިޔާއަކާއި އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅުތަކާ އެކު އިތުރު 4.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ.
އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި އާސަންދައާއި އެ ނޫން ވެސް ސަބްސިޑީތައް މުޅިން ރީފޯމްކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ރީފޯމްކުރުން ވެސް ހިމެނެއެވެ.
"މި ފިޔަވަޅުތައް ފަރުމާކުރުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާނީ ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ރައްޔިތުން ދެނެގަނެ، އެ ފަރާތްތަކަށް އިސްކަންދޭ އުސޫލަކުން ދައުލަތުން ފޯރުކޮށްދެމުންދާ އެހީތައް ނިޒާމީގޮތުން އަތުރާލުމަށް،" ވަޒީރު ވިދާޅުވިއެވެ.
ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ، އަސާސީ ޚިދުމަތްތައް ފޯރުންތެރި އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިހާރު ދެމުންދާ ސަބްސިޑީތައް ސީދާ ރައްޔިތުންނަށް ފޯރުކޮށްދޭ ނިޒާމަކަށް ހިޖުރަކުރަން ބަޖެޓުގައި ހުށަހަޅާފައިވާނެ ކަމަށެވެ. އަދި، އާސަންދައާއި މެޑިކަލް ވެލްފެއާ ނިޒާމުތަކަކީ މިހާރަށްވުރެ ހަމަހަމަކަމާ އެކީގައި، އިއާދަކުރަނިވި ގޮތަކަށް އެހީ ފޯރުކޮށްދޭ ނިޒާމުތަކަކަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އާސަންދަ ޚިދުމަތް އެއްވެސް ބަޔަކަށް ކަނޑައިނުލި ނަމަވެސް އެ ޚިދުމަތް މުޅިން ރީފޯމްކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. ކުންފުނިތައް ރީފޯމްކުރުމުގެ އެޖެންޑާގެ ތެރެއިން މިހާރު ކުންފުނިތައް މެދުވެރިކޮށް ދެވޭ ސަބްސިޑީތައް ވެސް ސީދާ ގޮތެއްގައި ރައްޔިތުންނަށް ދެވޭނެ ގޮތަކަށް ރީފޯމްކުރާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ބަދަލުތަކާ އެކު އެއްވެސް މީހަކު ބޭހަށް ސަލާންޖަހަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރު ކުންފުނިތައް ރީފޯމްކުރުމުގެ އެޖެންޑާގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ އާ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން އިސްވެ ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ބިލު އަންނަ އަހަރު ތެރޭ މަޖިލީހަށް ހުށަހެޅޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
ބޭރު ފައިސާގެ ރިޒާވް ވެސް ވަނީ 443.9 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. އެއީ، މަހެއްހާ ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ވަރުގެ އަދަަދެކެވެ.
ބޭރު ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 116.5 އިންސައްތައިގައެވެ. އަހަރު ނިމޭއިރު 118 އިންސައްތައަށް އަރާނެއެވެ. ބޭރުގެ ދަރަނި އަދާކުރަން މިދިޔަ ޕީޕީއެމްގެ ސަރުކާރުގައި އުފެއްދި ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑުގައި ވެސް ހުރީ 65 މިލިއަން ޑޮލަރެވެ. އެއީ، އެކަށޭނަ އަދަދެއް ނޫން ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
މާލީ ހާލަތާ ގުޅިގެން ކަންބޮޑުވުން ބޮޑުވި ނަމަވެސް، ސަރުކާރުން ވަނީ މި ހާލަތުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދީފައެވެ.