މަޖިލީހުން އުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުވުން "ކަފުން" ކުރަންކަމަށާއި ހުދުމުހުތާރު ވެރިކަމަކުން އުފެދޭ ބޭއިންސާފާއި އަނިޔާވެރިކަން ގަބޫލުނުކުރާ ފިކުރު އަށަގެންނެވުމަށް އެމްޑީޕީން ކުރަމުން ގެންދިޔަ މަސައްކަތް މި ސަރުކާރުން "ރޫޅާލަނީ" ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވެއްޖެނަމަ، އެ އަމަލެއް ހިންގި ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައި ވަނިކޮށެވެ.
އެކަމާ ގުޅުވައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ 20 އަހަރު ތެރޭ ރައްޔިތުންގެ ބާރުވެރިކަން ގާއިމުކުރުމަށާއި ޚުދުމުހުތާރު ވެރިކަމަކުން އުފެދޭ އަނިޔާވެރިކަން ގަބޫލުނުކުރާ ފިކުރުތައް އަށަގެންނެވުމަށް އެޕާޓީން ކުރަމުން ގެންދިޔަ މަސައްކަތް ރޫޅާލަނީ ކަމަށެވެ.
އެގޮތުން، މިހާރު ސަރުކާރުން ހުށަހަޅާފައި ހުރި ބިލުތަކަކީ ރައްޔިތުންގެ ބާރުވެރިކަމާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް އަސާސްތައް "ކަފުން" ކުރުމަށް މި ސަރުކާރުން ތަންފީޒު ކުރާ އެޖެންޑާއަށް ހުށަހެޅި "ޖަރީމާއެއް" ކަމަށް ފައްޔާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.
ފައްޔާޒް ގަބޫލު ކުރައްވާ ގޮތުގައި، ސަރުކާރު ބަދަލުވުމުން ޙައްގުތައް އުނިކޮށް މުޅި ނިޒާމު ބަދަލު ކުރަން ސަރުކާރުތަކަށް އޮންނަ ފުރުސަތު ނައްތާލުން މުހިންމު ކަމަށެވެ.
އޭގެއިތުރުން، ފާއިތުވި 16 އަހަރުގެ ތަޖުރިބާއިން އިބުރަތް ހާސިލްކޮށް، ގާނޫނޫ އަސާސީއަށް އަލުން ނަޒަރު ހިންގަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ގާނޫނު އަސާސީން އެކަށައަޅާފައިވާ އުސޫލުތައް 'ނުރޫޅޭނެ' ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަރުވާތެރިކަމާ އެއްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަން އެމްޑީޕީން ކުރާނެ ކަމަށް ވިދާޅުވިއެވެ.
މިއަދު ދިއްދޫ ދައިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވާގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު އެ އިސްލާހުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10ވަނަ މާއްދާ އުވާލަން ވަނީ ނިންމައިފައެވެ. އެއީ, ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީއާ ބެހޭ ގާނޫނެވެ.