ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވެއްޖެނަމަ، އެ އަމަލެއް ހިންގި ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އިސްލާހު ހުށަހަޅާފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާއަށެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އިސްލާހުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލު އިސްލާހުކުރުމަށާއި، ގާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމުގައި ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމުގެ ގޮތުން ގާނޫނާ ޚިލާފުވާ ވަކިވަކި ފަރާތް ޖޫރިމަނާކުރުމެވެ.
އިސްލާހުގައި ވާގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުންނަމަ ޕާޓީއެއްގެ މެންބަރު ކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ޖެހެއެވެ. އަދި, ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް 30,000 ރުފިޔާއާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ޖެހެއެވެ.
ހަމައެއާ އެކު އެ އިސްލާހުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ އުވާލަން ވަނީ ނިންމައިފައެވެ. އެއީ, ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީއާ ބެހޭ ގާނޫނެވެ.
މީގެ އިތުރުން, ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާކަން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.
މިހާރު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.
މި ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީ އެބައޮތެވެ. އެއީ, އެމްޑީޕީ، ޕީއެންސީ، ޕީޕީއެމް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އެމްޓީޑީ، އެމްއެންޕީ، އެމްއާރްއެމް، ޑިމޮކްރެޓްސް އަދި ޕީއެންއެފްއެވެ.