"މިސް ޔުނިވާސްގައި" ދިވެހި ރާއްޖެއިން ބައިވެރިވުން ކުށްވެރިކޮށް، އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެކަން ހުއްޓާލަން ސަރުކާރުން ގޮވާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، މެކްސިކޯގައި ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމުގައި، ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ މޭރުމަކުން ޚަބަރު ފަތުރަމުން އަންނަ ކަމަށެވެ.
ނަމަވެސް، ދިވެހިންގެ ދީނާއި، ސަގާފަތާ، އަގީދާއާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް އެ ބަޔާނުގައި ވެއެވެ.
"އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާންމު އަޚުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ޚިލާފު ކަންކަމަށް ވާއިރު، ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިއުން، ދިވެހި ސަރުކާރުން ކުށްވެރިކުރަމެވެ. އަދި އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތްކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ވެސް ގޮވައިލަން،" އެ ބަޔާނުގައި ވެއެވެ.
ރާއްޖެ ތަމްސީލުކުރުމަށް އެފަދަ ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުމަކީ ސަރުކާރުން ކުރާނެ ކަމަކަށް ނުވާއިރު، އެއީ ސަރުކާރުން ކުރުވާ ކަމެއްކަން ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ނުވުމަށް ވެސް ސަރުކާރުން ވަނީ ގޮވައިލާފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ވާދަކޮށް، ރީތީގެ ރާނީ ހޮވުމަށް ބާއްވާ މިސް ޔުނިވާސްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެ، ރާއްޖެ ތަމްސީލުކުރާނީ އުމުރުން 21 އަހަރުގެ މޮޑެލް، މަރިޔަމް ޝައިނާ ނަސީމެވެ.
މިއަހަރުގެ މިސް ޔުނިވާސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެކްސިކޯގައެވެ. މުބާރާތް އަންނަ މަހުގެ 14ވަނަ ދުވަހު ފަށާއިރު ފައިނަލް ޝޯ ބާއްވަނީ އަންނަ މަހުގެ 16ވަނަ ދުވަހެވެ.
އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ، މި މުބަރާތުގައި ބައިވެރިވެ، މެކްސިކޯއަށް ދިއުމަށް ޝައިނާއަށް ވިސާ ހަމަޖައްސައިދީފައި ވާކަމަށެވެ.
މީގެ ކުރިން ޝައިނާ ވަނީ ރާއްޖޭގައި ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސް 2022ގައި ބައިވެރިވެ، އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ އަހަރު މިސްރުގައި ބޭއްވި ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް 2023 މުބާރާތުގައި ވެސް އޭނާ ބައިވެރިވެ ރާއްޖެ ތަމްސީލުކޮށްފައިވެއެވެ.
މިއަހަރުގެ މިސް ޔުނިވާސް މުބާރާތުގައި 130 ގައުމަކުން ބައިވެރިވެއެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި އަލަށް ބައިވެރިވާ ގައުމުތަކުގެ ތެރޭގައި، ސޯމާލިއާ، ބެލަރޫސް، އިރާން، އުޒްބަކިސްތާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ.