މި ފެށޭ އައު އަހަރު، އިގުތިސާދީ ގޮތުން ދިމާވެދާނެ ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށް ޓަކައި ކަމާގުޅޭ ފަންނީ މާހިރުންގެ ލަފާ ހޯދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިތާބުގައިވަނީ، މި ފެށޭ 2025ވަނަ އަހަރަކީ އިގުތިސާދީ ގޮންޖެހުންތައް ރާއްޖެއަށް ކުރިމަތިވެދާނެ އަހަރެއް ކަމަށް މާލީ އިދާރާތަކުން އިންޒާރުދީފައިވާކަން ފާހަގަ ކުރައްވައިފައެވެ. އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށް ޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ސިޔާމްވަނީ އެދިވަޑައިގެންފައެވެ.
އެއީ ކަމާގުޅޭ ފަންނީ މާހިރުންގެ ލަފައާއި އިރުޝާދު ހޯދުމާއި، ކަމާގުޅުންހުރި އެންމެހާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމުގެ އިތުރުން، މި ކަންކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް އަވަހަށް ކުރުމެވެ.
ގައުމުގެ އިގުތިސާދީ ދާއިރާތައް ހަލުވި މިނެއްގައި ކުރިއެރުވުމަށް ހުރި ހުރަސްތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރުމަށް ވެސް ސިޔާމް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ ނަޒާހަތްތެރިކަމާއެކު ބޭނުންކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.
ސިޔާމް ފޮނުއްވި ޚިތާބުގައިވަނީ އައު އަހަރާ ކުރިމަތިލާއިރު، މުސްލިމް އުއްމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައްކަން ފާހަގަ ކުރައްވައި، އެ ރައްޔިތުންގެ ހަނދާން އައު ކުރައްވައިފައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ސިޔާމްގެ ޚިތާބުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރިން މި ގަތުލްއާންމު ހުއްޓުވުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލެއްވިއެވެ.
ނިމިގެން މިދާ 2024ވަނަ އަހަރަކީ ވެސް، ރާއްޖޭގެ ސިޔާސީ، އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާތަކުގައި ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ހިނގައިދިޔަ އަހަރެއްކަން ސިޔާމް ފާހަގަ ކުރެއްވިއެވެ. އެ ކަންތައްތަކުން އިބުރަތް ލިބިގަނެ، ދަރުސްތަކެއް ލިބިގެންދިޔަ ކަމަށް ވިދާޅުވެފައިވެއެވެ.
ސިޔާމްގެ ޚިތާބު ނިންމަވާލައްވާފައިވަނީ، މި ފެށޭ އަހަރަކީ ހުރިހާ ރޮނގަކުން ވެސް ރައްޔިތުންނަށާއި ދިވެހި ގައުމަށް ފާގަތިކަމާއި ކާމިޔާބީ އިތުރުވާނެ އަހަރެއް ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.