މި އަހަރުގެ ބާކީ ބައިގައި ޚަރަދު ކުރުމަށް ޓަކައި ފާސްކުރި ބަޖެޓު ފަސް ބިލިއަނުގައި ހުރީ، މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅީތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ސަރުކާރުގެ ކުންފުނިތައް އޮތީ ވަރަށް މަތިބަރުކޮށް ކަމަށެވެ. އެ ގޮތުން ކުންފުނިތަކަށް އިތުރަށް ވައްދާފައި ތިބި މުވައްޒަފުންނަށް ވެސް މުސާރަ ދިނުމުގެ ބުރަ މި ސަރުކާރަށް އުފުލަން ޖެހުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ. އިބްރާހީމްދީދީ ވިދާޅުވީ މި އަހަރަށް ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ޖެހުނީ ވެސް މި ފަދަ ސަބަބުތަކާ ހެދި ކަމަށެވެ.
"ޚަރަދު ކުޑަކުރުމަށް ޓަކައި ވަރަށް ގިނަ އޭރިޔާތަކުން، އޭންގަލްތަކުން މަސައްކަތްކުރީތީވެ، ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓަކުން އަޅުގަނޑުމެން ސަލާމަތްވީ. އެހެން ނޫން ނަމަ 10 ބިލިއަނަށް އަރާނެ،" އިބްރާހީމްދީދީ ވިދާޅުވިއެވެ.
އިބްރާހީމްދީދީ ވިދާޅުވި ގޮތުގައި މިއަދު ފާސްކުރި ސަޕްލިމެންޓަރީ ބަޖެޓާއެކު، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށޭނެއެވެ. އަދި އަންނަ އަހަރު ވާނީ ދައުލަތުގެ ދަރަނިތައް ދެއްކުމާއެކު، ތަރައްގީގެ މަޝްރޫއުތައް ވެސް ހިނގަމުންދާ އަހަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް 100 ޕަސަންޓު ގެރެންޓީ ﷲ އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް އަހަރަކީ ދިވެހި ރައްޔިތުންނަށް ފާހަގަ އަހަރަށްވާނެ. ގިނަ ޕްރޮޖެކްޓުތަކެއް ހިނގާ އަހަރަކަށް ވެގެންދާނެ... އަދި ރައްޔިތުންނަށް ފެނިގެންދާނެ ދިވެހި ދައުލަތުން ކަންތައްތައް ކުރަންވާ ެންމެ ރަނގަޅު މިސްރާބަށް ރަނގަޅު ގޮތުގައި ކަންތައްތައް ކުރެވިގެންދާ މަންޒަރު" އޭނާ ވިދާޅުވިއެވެ.
އަހަރު ނިމެން ގާތްވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރީ މިއަދެވެ. އެހެން ނަމަވެސް އެ ބަޖެޓު ހުށަހެޅީ، މި އަހަރަށް ކަނޑައެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 12.4 ބިލިއަން ރުފިޔާ ހުއްޓައެވެ. އެ ގޮތުން މި އަހަރުގެ ޖުމްލަ ބަޖެޓުވަނީ 55 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ކޮންމެ އަހަރަކު ވެސް ބަޖެޓު ހުސްވެ، ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ޖެހޭއިރު މިދިޔަ އަހަރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރިއެވެ. އަދި އޭގެ ކުރިން، 2022ގައި 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްފައިވެއެވެ.
މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އިއުލާންކޮށްފައިވެއެވެ. އެގޮތުން އެންމެ ފަހުން އިއުލާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ކުރިއަށް އޮތް ދެ އަހަރު ސިޔާސީ މުވައްޒަފުންނާއި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މަތީ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި، ޝަރުއީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން އެދުން ހިމެނެއެވެ.
މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު މުސާރައިގެ 50 ޕަސެންޓް ނުނަންގަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.