ދަރަނި އަދާކުރަން ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: އެ މިނިސްޓްރީން ވަނީ ދަރަނި އަދާކުރަން މިހާތަނަށް ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އަހަރުގެ މިހާތަނަށް، ދައުލަތުގެ ލޯންތަކަށް ދެ ބިލިއަން ރުފިޔާ އަނބުރާ ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ޚަރަދާއި އާމްދަނީ ބަޔާންކުރާ ތަފާސްހިސާބުތައް އާންމުނުކުރާތާ ހަތަރު މަސްވީ ފަހުން މިރޭ ވަނީ ޖޫން މަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އާންމުކުރަން ޖެހޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ އެހާތަނަށް ދަރަނި އަދާކުރުމަށް ވަނީ 2.02 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރު މި މުއްދަތުގައި ޚަރަދު ކުރީ 1.94 ބިލިއަން ރުފިޔާއެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް ވަނީ 28.2 ބިލިއަން ރުފިޔާ ލިބިފައެވެ. އޭގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބުނު 21.4 ބިލިއަނާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 6.1 ބިލިއަން ހިމެނެއެވެ.

އެއާ އަޅައިބަލާއިރު މިދިޔަ އަހަރު އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 27.7 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުން 37.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އޭގެ ތެރޭގައި މުސާރައާއި ސަބްސިޑީތައް ހިމެނޭ ގޮތަށް ކޮށްފައިވާ ރިކަރަންޓް ޚަރަދަށް ދިޔަ 27.2 ބިލިއަން ރުފިޔާ ހިމެނެއެވެ. އެގޮތުން އާސަންދައަށް 1.72 ބިލިއަނާއި ސަބްސިޑީތަކަށް 3.24 ބިލިއަން ހިމެނެއެވެ.

މި އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ލޯނުތައް އަނބުރާ ދައްކަން ކަނޑައަޅައިފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ.

މި އަހަރަށް އިތުރު 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެެއާއެކު މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

ރާއްޖޭގެ ދަރަނި ބޮޑުވުމުން، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން ފާމްތައް ކަމަށްވާ މޫޑިސްއާއި ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. އެގޮތުން އެ ފާމްތަކުން ވަނީ އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނި ފާހަގަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީއާއި ދައުލަތުގެ އިދާރާތަކުން އަންނަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އަދި އާމްދަނީ އިތުރުކޮށް، ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

އެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުން އިއުލާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ކުރިއަށް އޮތް ދެ އަހަރު ސިޔާސީ މުވައްޒަފުންނާއި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މަތީ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި، ޝަރުއީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން އެދުން ހިމެނެއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު މުސާރައިގެ 50 ޕަސެންޓް ނުނަންގަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް