ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އެ ކަމަށް ހިރިމަރަދޫ ރައްޔިތުން ތާއިދުކުރާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް، ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މިދިޔަ ހޮނިހިރު ދުވަހެވެ.
އެކަމާ ގުޅިގެން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު މިއަދު 'ސަން'އަށް ވިދާޅުވީ، އެފަދައިން އެ ރަށު ރައްޔިތުންނަށް ފުރުސަތު ދިނުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
އެގޮތުން، ރަށު ރައްޔިތުންގެ އާދޭސްތައް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަޑުއައްސަވައި، ހަނިމާދޫއަށް ބަދަލުކުރަން ނިންމާދެއްވުމަކީ އެއްފަސްކުރުމުގެ ސިޔާސަތަށް އެ މަނިކުފާނު ލޯބިކޮށް، ކުުދި އާބާދީތައް ބޮޑެތި ތަންތަނަށް ބަދަލުކުރުމުގެ ވިސްނުންފުޅު ވަރަށް ފުޅާ ދާއިރާއެއްގައި ގެންގުޅޭކަމުގެ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ތުލުސްދުއަށް ބަދަލުވާން އެދުމުގެ ކުރިން ގިނަ ރައްޔިތުންގެ ސޮއިއާ އެކު، ހަނިމާދޫއަށް ބަދަލުވާން ޕެޓިޝަނެއް ވެސް ސަރުކާރާއި ހަނިމާދޫ ކައުންސިލަށް ހުށަހެޅިކަން އޭނާ ފާހަގަކުރެއްވިއެވެ.
އުންމީދަކީ މި އަހަރު ތެރޭގައި ހަނިމާދުއަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ދައުލަތުން ފެށުން ކަމަށް މުޙައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.
މި ރަށުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި. ކެއިން ބުއިމަށް ބޭނުންވާ އެއްވެސް ސާމާނެއް ލިބެން ހުރި ތަނެއް ނޫން. ހަނޑޫ، ހަކުރު، ފުށް ވެސް މި ގެންނަން ޖެހެނީ ކުޅުދުއްފުށިން. އެކިއެކި އަސާސީ ޚިދުމަތްތަކާއި ޒަރޫރީ ކަންކަމަށް ވެސް މި ޖެހެނީ ބަރޯސާވާން. އާމްދަނީއެއް ލިބޭނެ އެއްވެސް ވަސީލަތެއް ހުރީއެއްނޫން. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު
ސަރުކާރުގެ މި ނިންމުމާ ގުޅިގެން މީގެ ކުރިން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުޙައްމަދު ވަނީ މިކަމާ ގުޅިގެން ސަރުކާރުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށާއި ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ގެންނަން އެ ރަށުގެ ދެބައިކުޅަ އެއްބައި މީހުން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ.
ހަނިމާދޫގެ ބައެއް ރައްޔިތުން މިކަމާ ނުރުހޭ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ، އެ ރަށުގައި އޮންނަ އިޖުތިމާއީ އަޚުލާގީ މިންގަނޑަށް އަސަރުކޮށް އަމާންކަމަށް ނޭދެވޭ އަސަރުކޮށްފާނެތީއެވެ.
މިއަދު 'ސަން'އަށް މައުލޫމާތުދެއްވައި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުސައްތާރު ހަސަން ވިދާޅުވީ، އެ ނިންމުމާ ގުޅިގެން ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ހިރިމަރަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ގޮތެއް ކައުންސިލުން ނިންމާފައި ނެތް ކަމަށެވެ.
ހިރިމަރަދޫގެ އާބާދީއަކީ 589 އެވެ. އެހެންނަމަވެސް، އެ ރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރަށް ދޫކޮށް ހިޖުރަކޮށްފައެވެ. އެހެންވެ، މިހާރު އެ ރަށުގައި އުޅެނީ 200 އެއްހާ މީހުންނެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހަނިމާދޫގެ އާބާދީ 2,645 އަށް އަރައެވެ.