މާލީ ކަންކަން ބަލަހައްޓަވަން ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަން މޫސާ ޒަމީރު ލަދު ނުގަންނާތީ ހައިރާންވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ޒަމީރަކީ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި، އެ މަނިކުފާނާ ވަރަށް އަރިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ސިލްސިލާ ގޮތެއްގައި ޕީއެންއެފުން ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި މާލީ ހާލަތާ ގުޅުވައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދެވި އެބަހުރި ކަމަށެވެ. މަޝްރޫއުތައް ކުރިއަށް ނުދަނީ ވެސް އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ހާލަތުގައި އޮތްއިރު ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވަން ޒަމީރު ލަދު ނުގަންނާތީ ހައިރާންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަން އިއުލާނުކުރެއްވި ނަމަވެސް، އެ އުސޫލުން ސަރުކާރަށް މަޝްރޫއު ހިންގައިދޭނެ ކުންފުންޏެއް މިހާރު ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ހުރިހާ ކޮންޓްރެކްޓަރުން އެ ތިބީ މިނިސްޓްރީ އޮފް ފިނޭންސް ދޮށުގައި ކޮންމެ ދުވަހަކު ކިއޫގައި.. އެ މީހުން، [ރައީސް] އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައާއި މި ސަރުކާރުގައި ކޮށްފައި ހުރި މަސައްކަތަށް ލާރި ނުލިބޭ،" އެ މަނިކުފާނު ފާޑު ވިދާޅުވިއެވެ.
ބައެއް އާންމު މީހުންނަށް ސަރުކާރުން ދޭންވެފައި 100 މިލިއަން ރުފިޔާއިން ވެސް އެބަހުރި ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރުމަކީ ޒަމީރުގެ ޒިންމާއެއް ކަމަށެވެ. އެކަން ނުކުރެއްވޭ ނަމަ، އެހެން ބޭފުޅަކާ ހަވާލުކުރައްވާފައި ދުރަށް ވަޑައިގަންނަވަންޖެހޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ ޒަމީރަށް ފާޑު ވިދާޅުވެފައެވެ.
"އަޅުގަނޑު ހަމަ ހައިރާންވޭ މި ތަނުގައި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް ހުންނަން ލަދު ނުގަންނާތީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއީ އޭނާގެ ޒިންމާއޭ އެނގޭތޯ. އެކަން ނުކުރެވެންޏާ ދުރަށް ދާންވީ. އެހެން ކޮންމެ ވެސް މީހަކު ލައްވައި އެކަން ކުރުވަން. މި ބަދުނާމު ބޮލުގައި އަޅައިގެން އުޅޭވަރުގެ ނުތަނަވަސް ނޫނީ ލާރި، އަތްމަތި ދަތި މީހެއް ނޫން އޭނާއަކީ،"
ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޒަމީރަކީ އެ ސިނާއަތުގައި ވިޔަފާރި ވެސް ކުރައްވާ ބޭފުޅެކެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ޒަމީރު އެންމެ ފުރަތަމަ އައްޔަންކުރީ ފޮރިން މިނިސްޓަރު ކަމަށެވެ. އެކަމަކު، އޭރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާދެއްވުމުން ޒަމީރު ދެން އައްޔަންކުރެއްވީ ފިނޭންސް މިނިސްޓަރު ކަމަށެވެ.