ގިނަ ދުވަސްތަކެއް ވަންދެން މެދުކަނޑައިލާފައި އޮތުމަށް ފަހު މާލީ ވުޒާރާއިން މާލީ ހިސާބުތައް މިއަދު ހާމަކޮށްފިއެވެ.
ސަރުކާރުން އެންމެ ފަހުން މާލީ ހިސާބުތައް ހާމަކުރީ ޖޫން 20 ގައެވެ.
އޭގެ ފަހުން ސަރުކާރުން މާލީ ހިސާބުތައް ހާމަކޮށްފައެއް ނުވެއެވެ. އެއީ، މިދިޔަ އަހަރު މާލިއްޔާއިން ޚަރަދުކުރި ދެ ބިލިއަނެއްހާ ރުފިޔާ ރިކޯޑުނުކޮށް ހުރުމުންނެވެ.
އެކަމަކު، މާލީ ވުޒާރާއިން މިއަދު ވަނީ މާލީ ހިސާބުތައް ހާމަކޮށްފައެވެ.
މިދިޔަ އަހަރު ރިކޯޑުނުކޮށް ޚަރަދުކުރި ކަމަށް ބުނާ ދެ ބިލިއަނެއްހާ ރުފިޔާގެ ތަފުސީލުތައް ކަށަވަރުކުރުމުގެ މަސައްކަތް އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަނީ ކުރަމުންނެވެ. އެހެންވެ، މިދިޔަ އަހަރުގެ ޚަރަދުތަކުގެ އަދަދުތަކަށް ބަދަލު އައުން އެކަށިގެންވާ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
އޮޑިޓް އޮފީހުން ލަފާދީފައިވަނީ އެ އަހަރެއްގެ ޚަރަދު އެ އަހަރެއްގެ މާލީ ހިސާބުތަކުގައި ހިމެނުމަށެވެ.
މާލީ ވުޒާރާއިން މާލީ ހިސާބުތައް ހާމަކުރީ ޚަރަދު ރިކޯޑުކުރުމުގައި ފާހަގަވި ބޮޑު މައްސަލައާއި މާލީ ހިސާބުތައް އާންމުކުރުމާ މެދު މީގެ ހަފުތާއެއް ކުރިން އޮޑިޓް އޮފީހުން ލަފާދިނުމާ ގުޅިގެންނެވެ.
އެ ވުޒާރާއިން ވަނީ ޖޫން މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރިހާ ވީކްލީ އަޕްޑޭޓެއް އާންމުކޮށްފައެވެ.
ރިޕޯޓުތަކުން ފާހަގަކުރެވޭ ގޮތުގައި މުސާރައަށް ކުރާ ހޭދަ ވަނީ ބޮޑުވެފައެވެ. އެއީ، ސިފައިންނާއި ފުލުހުންނާއި ކުރިން ޕޭ ހާމަނައިޒްކޮށްފައިވާ އެހެނިހެން ދާއިރާތަކުގެ މުސާރަ ބޮޑުވުމާ ގުޅިގެން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މުޅި ޚަރަދަށް 700 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން މާލީ ހިސާބުތައް ހާމަކުރުން ހުއްޓައިލުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މާލީ ވުޒާރާއިން ވަނީ މި އަހަރަށް އިތުރު 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބަޖެޓު މިއަދު ފާސްކުރުމާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓު 55 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީސްއިން ވެސް ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެކަމަކު، މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު މާލީ ދަތިތަކުން އަރައިގަނެވޭނެ ކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.