ޚަރަދުތަކުގެ ހިސާބުތައް ބެލެހެއްޓުމުގައި ގޯސްތަކެއް؛ ދެ ބިލިއަން ރުފިޔާގެ ފަރަގެއް

ފިނޭންސް މިނިސްޓަރު ޒަމީރު: ދައުލަތުގެ ޚަރަދުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައި ދެ ބިލިއަން ރުފިޔާ ހިސާބުނުކޮށް ހުރި ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ ޚަރަދުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައި ދެ ބިލިއަން ރުފިޔާ ހިސާބުނުކޮށް ހުރި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރަމުން އައި ވީކްލީ ފިސްކަލް ރިޕޯޓު މިދިޔަ ޖޫން މަހުން ފެށިގެން އާންމުނުކުރާކަން ފާހަގަކުރައްވައި، ޒަމީރު ވިދާޅުވީ ހިސާބުތައް އާންމުކުރުން ހުއްޓާލީ ރެކޯޑުތަކުގައި މައްސަލަތައް އުޅޭތީ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ މަޝްރޫއުތަކަށް ފައިސާ ދޫކުރުމަށް ފަހު، ރެކޯޑު ނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހިސާބުތައް އިސްލާހު ކުރާނެ ގޮތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ ހުސައިން ނިޔާޒީއާ މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ފެންނަނީ ރެކޯޑު ކުރުމުގައި ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާގެ ތަފާތެއް އެބައުޅޭ. އޭގެ މާނައަކީ މި އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ހިމަނައިފި ކަމަށްވަންޏާ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ ދެ ބިލިއަން އިތުރުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އެ ހިސާބުތަކަށް ބަދަލު ގެންނާނީ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ވެސް ލަފާ ހޯދުމަށް ފަހު ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ރެކޯޑުތަކުން ފާހަގަވި ދެވަނަ މައްސަލައިގެ ގޮތުގައި އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކަށް އެކަށީގެންނުވާ ވަރުގެ ކުޑަ އަދަދަކަށް ފައިސާ ކަނޑައެޅުމަށް ފަހު ޚަރަދު ކުރުމެވެ.

"މިސާލަކަށް މިދިޔަ އަހަރު އެބަހުރި ވަރަށް ގިނަ ޕްރޮޖެކްޓު އެގޮތަށް ދިމާވެފައި. މިސާލަކަށް އަހަރު ނިމެމުން އައި އިރުގައި ކުދި އަދަދެއް ބަޖެޓުގައި ހިމަނައިލައިފައި އެޑްވާންސް ޕޭމެންޓް ރިލީޒްކޮށްފައި ދެން އެ ޕްރޮޖެކްޓު ހިންގަން ފެށީމައި ވާ ގޮތަކީ އެ އަންނަނީ މިއަހަރުގެ ތެރެއަށް. އެހެންވެގެން ވެސް ގާތްގަނޑަކަށް ތިން ބިލިއަނެއްހާ ރުފިޔާގެ ކޭޝްފްލޯގެ އިޝޫއެއް ވެސް އަޅުގަނޑުމެންނަށް އެބަކުރިމަތިވޭ،" ޒަމީރު ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކުރުމަށް އުސޫލެއް ކަނޑައަޅައި އޮޑިޓަ ޖެނެރަލްގެ ލަފާ ހޯއްދަވައި، މައްސަލަ ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ ގެނައުމާ ގުޅޭ ގޮތުން ބަންޑާރަ ނައިބު އުޝާމާ މަޝްވަރާ ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަވުމުގައި އުޝާމް ވިދާޅުވީ މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ޚަރަދުކުރުމަށް ފަހު ރެކޯޑުނުކޮށް ހުރި ދެ ބިލިއަން ރުފިޔާ މި އަހަރުގެ ރެކޯޑުތަކުގައި ހިމަނައިފި ނަމަ އެއީ ގާނޫނާ ޚިލާފު ކަމަކަށް ވާނެ ކަމަށެވެ. އެގޮތުން ދައުލަތުން ޚަރަދު ކުރަން ޖެހޭނީ ބަޖެޓާ އެއްގޮތަށް ކަމަށާއި އިތުރަށް އެއްވެސް ޚަރަދެއް ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ދައުލަތުން ޚަރަދު ކުރުމަށް ފަހު އެ ޚަރަދުތައް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނައި ހުށަހަޅައިފައިވާކަން ފާހަގަކުރައްވައި، އެއީ ވެސް ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

"ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައި އެބަހުރި. އެހެންވީމަ އެކަމަކީ އަޅުގަނޑުމެން އެހާ ފަސޭހައިން ދޫކޮށްލާ ޒާތުގެ ކަމަކަށް ވެގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، އެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މައްސަލަ ތަކުރާރު ނުވާނެހެން ގާނޫނަށް އިސްލާހުތައް ގެންނާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

comment ކޮމެންޓް