މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަކަށް ވެގެން ގޮސްފައިވަނީ އާއިލާއާއެކު ޗުއްޓީއަށް ރޭ ރާއްޖެ ޒިޔާރަތް ކުރި ލުއިސް އެވެ. މިއީ އޭނާ ރާއްޖެ ޒިޔާރަތް ކުރި 11 ވަނަ ފަހަރެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ އާއިލާއަށް ހޫނު މަރުހަބާއެއް ކިޔުމަށްފަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ މީހުންނަކީ ދިވެހި އާއިލާގެ ބައެއް ކަމަށެވެ. ރާއްޖޭގެ ކަނޑާއި ރީތި ދޮންވެލިގަނޑު ދެކެ އެ މީހުން ވަރަށް ލޯބިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ޚާއްސަ އަހަރެކެވެ. އެއީ މިދިޔަ އަހަރަކީ ފުރަތަމަ ފަހަރަށް ރާއްޖެއަށް އަހަރެއްގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އަހަރަށް ވާތީއެވެ.
މި ފެށުނު އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކަންކަން ހާސިލް ކުރަން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން މި އަހަރުގެ އަމާޒަކީ ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ ފަސް ބިލިއަން ޑޮލަރަށް މައްޗަށް ޖެއްސުންކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބުނެއެވެ. މިހާރު އަހަރެއްގެ މައްޗަށް ލިބެނީ ހަތަރު ބިލިއަން ޑޮލަރެވެ.
މީގެ އިތުރުން މި އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިންގެ 15 ޕަސެންޓު އިތުރަށް، ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.
މި އަހަރު ވެސް އާ އަހަރާ ދިމާކޮށް ގިނަ ފަތުރުވެރިންތަކެއް އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.