ސަރުކާރުގައި އެކިއެކި މަގާމުތަކަށް އައްޔަންކޮށްފައި ތިބޭ ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ހޭދަކުރަނީ މުޅި ސަރުކާރުގެ މުސާރައާއި އިނާޔަތަށް ހޭދަކުރާ މިންވަރުގެ ހަތަރު އިންސައްތަ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިއަދު ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފައެވެ. އެ އިތުރުވުމާ އެކު މި އަހަރުގެ ބަޖެޓުގެ ޖުމުލަ 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ބަޖެޓު ހުށަހަޅުއްވަން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މާލީ ވަޒީރު ޒަމީރު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދައިގެ ހަތަރު އިންސައްތަ ކަމަށެވެ.
"ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރަން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައި. މި ގޮތުން، ދަތުރުފަތުރާއި ހަފުލާތައް ބޭއްވުން ފަދަ ކަންކަމަށް ކުރާ ޚަރަދުތައް ހިފެހެއްޓުމަށް ގިނަ ކޮންޓްރޯލްތަކެއްގެ ތެރެއިން މަސައްކަތްކުރަމުންދާއިރު، މި ކަމުގެ ނަތީޖާ ދަނީ ފެންނަމުން،" ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވިއެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ބައެއް މުއައްސަސާތަކުގެ ވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ މުސާރައިން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް 10 އިންސައްތަ އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވެސް އެ ސަބަބަށްޓަކައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ބަދަލު ގެނައީ ފިސްކަލް ދެމެހެއްޓެނިވިކަން އިއާދަކުރަން ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެ، ކުޑަ ނަމަވެސް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި،" ވަޒީރު ވިދާޅުވިއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރި ބަޖެޓުގައި ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ބަޖެޓުކޮށްފައިވަނީ 11.95 ބިލިއަން ރުފިޔާއެވެ. ސަޕްލިމެންޓަރީ ބަޖެޓުގައި ވަނީ މުސާރައާއި އިނާޔަތަށް އިތުރު 24.4 މިލިއަން ރުފިޔާ ހިމަނާފައެވެ. އެހެންވެ، މި އަހަރު މުސާރައާއި އިނާޔަތަށް ކުރާ ހޭދައިގެ ޖުމުލަ 11.98 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
އެ އަދަދުގެ ހަތަރު އިންސައްތައަކީ 479.2 މިލިއަން ރުފިޔާއެވެ. މާލީ ވަޒީރު ވިދާޅުވީ، ސިޔާސީ މުވައްޒަފުންނަށް ހޭދަކުރަނީ އެ އަދަދަށްވުރެ މަދު އަދަދެއް ކަމަށެވެ.
އެކަމަކު، ސަރުކާރުން މިހާތަނަށް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ހާމަނުކުރާތީ މިއަދު ވެސް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހެޅިއެވެ. އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފައެވެ.
މި ސަރުކާރަށް އެކިއެކި ފެންވަރުގައި އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އަށްވުރެ މަތިވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަމަވެސް، ސަރުކާރުން އެކަން ދޮގުކުރެއެވެ.
ރައީސް ވަނީ ސިޔާސީ ބޭފުޅުންނާއި ކުންފުނިތަކުގައި 12،000 ރުފިޔާއަށް ވުރެ ބޮޑުކޮށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިގެ 10 އިންސައްތަ ކުޑަކުރަން ނިންމަވައިފައެވެ. އެ މަނިކުފާނުގެ މުސާރައިން 50 އިންސައްތަ ނުނަންގަވަން ވެސް އެ މަނިކުފާނު ވަނީ ނިންމަވައިފައެވެ.