އީސީ އާއި އޭސީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސަށް ދެނީ

އީސީ އާއި އޭސީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސަށް ދެނީ -- ފޮޓޯ/ ރައީސް އޮފީސް

މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ދޭގޮތަށް ގާނޫނަށް ބަދަލުގެންނަން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މި ދެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ. އެގޮތުން، އީސީގެ ގާނޫނުނަށް ބަދަލު ގެނައުމުގެ ބިލު ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފު ހުށަހެޅުއްވާފައި ވާއިރު، އޭސީސީގެ ގާނޫނުނަށް ބަދަލު ގެނައުމުގެ ބިލު ހުށަހެޅުއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ.

މި ދެ ބިލުގެ ފުރަތަމަ ކިޔުން އިއްވާނީ މާދަމާގެ މަޖިލީހުގައެވެ.

މި ދެ ބިލުގައި ވާގޮތުން، އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރުމަށް، ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

އަދި މި ނަން ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އަދި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން މަގާމުން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ އޭސީސީ އަދި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރަނީ އެ ދެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގެ ނަތީޖާ 28 ގަޑިއިރުތެރޭ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.

މިވަގުތު އޭސީސީގެ ރައީސަކަށް ހުންނެވީ އާދަމް ޝާމިލްއެވެ. އޭނަ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ 17 މާޗް 2022ގައެވެ.

https://sun.mv/197941

އީސީގެ ރައީސްގެ މަގާމުގައި ހުންނެވީ ފުއާދު ތައުފީގެވެ. ފުއާދުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24އަށް ހަމަވާތީ އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އަބްދުލް ހަސީބު އިސްމާއިލްގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް