ހަސީބުއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ހަސީބު: އޭނާ އާ ގުޅޭ ޝަކުވާ އެއް އޮތްނަމަ ހުށަހެޅުމަށް ވަނީ ހުޅުވާލާފައި -- ފޮޓޯ/ ފޭސްބުކް، ހަސީބު އިސްމާއީލް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ އަބްދުލް ހަސީބު އިސްމާއިލްއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.

އެ މަގާމަށް ހަސީބު އައްޔަންކުރަން މަޖިލީހަށް ނަން ފޮނުއްވާފައި ވަނީ އީސީގެ ރައީސް ކަމުގައި މިހާރު ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވާތީއެވެ. އެގޮތުން، ފުއާދުގެ ދައުރު ހަމަވާނީ ނޮވެމްބަރު 24 އަށެވެ.

މަޖިލީހުގެ އިރާދާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އީސީގެ ގާނޫނުގައިވާ ގޮތުގެ މަތީން ހަސީބު އީސީއަށް އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

ހަސީބުއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް އިއުލާނުކޮށްފައިވާއިރު، އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ މިމަހުގެ 24ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މެއިލް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުން މެދުވެރިކޮށް ހުށަހެޅޭނެއެވެ.

https://sun.mv/197875

މަޖިލީހުގެ އިދާރާއިން ބުނީ، ޝަކުވާ ހުށަހަޅަން ޖެހޭނީ އެ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ކަމަށެވެ.

ހަސީބު ވަނީ 2019 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް އައްޔަންކޮށްފައެވެ. އޭގެ ފަހުން އޭނާ ސަސްޕެންޑްކުރުމަށް ފަހު މަގާމުން ދުރުކުރީއެވެ.

ހަސީބު މިހާރު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ.

ފުއާދުގެ ދައުރު ހަމަވާތީ އީސީގެ މެންބަރުކަމަށް ހުޅުވައިލީ ސެޕްޓެމްބަރު 12 ގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އީސީގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، އިތުރު ފަސް އަހަރަށް ވުރެ ދިގުނުވާ ގޮތަށް މެންބަރުކަމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެއެވެ.

comment ކޮމެންޓް