ހަނިމާދޫ ކައުންސިލުން މުއްތަލިބަށް: "އެއްބާރުލުން ނުލިބެނީ ކޮން ކަމަކަށް؟"

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް-- ފޮޓޯ: ރައީސް އޮފީސް

ހދ. ހަނިމާދޫގައި އެ އަތޮޅު ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިން ޔުނިޓުތައް އިމާރާތްކުރަން ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވުމުން، ކައުންސިލުގެ ފަރާތުން ނުދިން އެއްބާރުލުމަކީ ކޮބައިތޯ ހަނިމާދޫ ކައުންސިލުން ސުވާލު އުފައްދައިފިއެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުއްޠަލިބު ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތް އަވަހަށް ފެށުން މުހިންމު ކަމަށެވެ.

"އެ ރަށުގެ ކައުންސިލުގެ ފަރާތުން އަޅުގަނޑުމެންނަށް އެއްބާރުލުން ނުލިބި ދަތިތަކާ ކުރިމަތިވަމުންދޭ،" މުއްޠަލިބު ވިދާޅުވިއެވެ.

މުއްޠަލިބު ވިދާޅުވީ ހަނިމާދޫ ރައްޔިތުންނަށް އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހުއްޓިފައި އޮތީ ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެޑްވާންސަށް ފައިސާ ނަގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީއެވެ.

"އެހެން ނަމަވެސް އަޅުގަނޑު މި ދަންނަވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް މި އަޅާ ބޯހިޔާވަހިކަމާއި ހަނިމާދޫގައި އަޅާ ބޯހިޔާވަހިކަމާ ގުޅުވާނުލާށޭ، އަޅުގަނޑުމެން ދެ މަޝްރޫއުވެސް ކުރިއަށް ގެންގޮސްދޭނަމޭ،" އޭނާ ވިދާޅުވިއެވެ.

މުއްޠަލިބުގެ ޖަވާބާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ފިރާޤް މުޙައްމަދު އިއްޔެ ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންނަށް ހައުސިން ޔުނިޓު އިމާރާތްކުރަން ނިންމި ބިމުގެ ސަރަހައްދު ހަނިމާދޫ ކައުންސިލުން ނުދިން ކަމަށް ބުނެ ގާނޫނަށް ބަދަލު ގެނެސް އެ މިނިސްޓްރީގެ ދަށަށް ބިން ގެންގޮސްފައިވާ ކަމަށެވެ.

މިނިސްޓްރީގެ ދަށަށް ބިން ނެގި ކަމުގައިވިޔަސް އެ ބިމެއްގައި ހުރި ރުއްގަސްތައް ނަގަން ވާނީ ވެރިފަރާތަށް ބަދަލު ދިނުމަށް ފަހު ކަމަށް ފިރާޤް ވިދާޅުވިއެވެ. ކައުންސިލުން ބިން ހިފަހައްޓަނީ އެ ސަބަބާ ހެދި ކަމަށާއި ކައުންސިލަށް އިތުރު އެހެން އެއްވެސް ބާރެއް ނެތް ކަމަށް ފިރާޤް ވިދާޅުވިއެވެ.

"ދެން ސުވާލަކީ ކޮބައިތޯއޭ އަޅުގަނޑުމެން ނުދިން އެއްބާރުލުމަކީ؟ އެޔެއް އަޅުގަނޑުމެންނަކަށް ނޭނގުނު ހަމަ އެއްވެސް ގޮތަކަށް،" އޭނާ ވިދާޅުވިއެވެ.

ފިރާޤް ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ކައުންސިލާ ބައްދަލުކުރަން ސިޓީ އެއް ފޮނުވި ކަމަށެވެ.

"އަޅުގަނޑުމެންނާ އެއްކޮށް ހިނގާށޭ ހިރިމަރަދޫއަށް ދާން ހިރިމަރަދޫ ރައްޔިތުން ގާތަށް، ގޮއްސަ އަޅުގަނޑުމެންވެސް މިނިސްޓްރީވެސް ތިބެގެން އެ ބުނާ އެއްބާރުލުމާއި އެ ކަންކަން އެއް ތަނެއްގައި ތިބެގެން ކިޔައިދޭން،" ފިރާޤް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ ނިމުނު 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހެވެ.

އެއަށްފަހު އެ ރަށުން ހަނިމާދުއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވިއެވެ. އަދި އެރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ގާއިމުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެއަށްފަހު މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު ރައީސް ވަނީ އެ ރަށު މީހުން ހަނިމާދުއަށް ބަދަލުކުރުމަށް ޤަރާރު ނެރުއްވާފައެވެ.

https://sun.mv/223850

އޭގެ ފަހުން ހަނިމާދޫ ކައުންސިލުން ޖޫން 25ގައި ނެރުނު އިއުލާނެއްގައި ވަނީ ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ހޯރަފުށީ ކައުންސިލުން ރަސްމީކޮށް އެ ދައުވަތު ދިން ކަމަށެވެ.

އެހެންކަމުން ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން އެ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭ ނަންނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް