އެއް އަހަރަށް މުސާރައިގެ 10 ޕަސެންޓު ނުނަގަން ފަލާހު ނިންމަވައިފި

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް: އޭނާ ވެސް ވަނީ މުސާރައިގެ 10 ޕަސެންޓް ނުނަގަން ނިންމާފައި -- ސަން ފޮޓޯ

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު މެންބަރުކަމުގެ މުސާރައިގެ 10 އިންސައްތަ އެއް އަހަރު ދުވަހަށް ނުނަގަން ނިންމަވައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް ވަނީ ޚަރަދުކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 އިންސައްތަ ކުޑަ ކުރެއްވުމަށް ނިންމަވައިފައިވާކަން ހާމަކުރައްވައިފައެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ފަލާހު ވިދާޅުވީ، އޭނާގެ މަޖިލިސް މުސާރަ އަންނަ ނޮވެމްބަރު މަހުގެ އެކަކުން ފެށިގެން އެއް އަހަރު ދުވަހަށް 10 އިންސައްތަ އުނިކުރަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށް، ޚަރަދުތައް ކުޑަކުރުމަށް އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ފަލާހު ވިދާޅުވިއެވެ.

މަޖިލިސް މެންބަރުންގެ މުސާރަތައް ކަނޑައަޅަނީ މެންބަރުން އަމިއްލަފުޅަށް ކަމަށްވާއިރު، މެންބަރުންގެ މުސާރައަކީ މިހާރު ކޮމިޓީ އެލަވަންސާ އެކު 82،500 ރުފިޔާއެވެ. އެހެންކަމުން 10 އިންސައްތަ އުނިކުރުމުން ވެސް މުސާރައިގެ ގޮތުގައި 74،250 ރުފިޔާ ލިބިލައްވާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ މުސާރައިގެ 50 ޕަސެންޓު ނުނަގަން ނިންމަވައިފައިވާކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ހާމަކުރައްވާފައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގެ ތެރޭގައި މުސާރައާ ގުޅޭ ގޮތުން ބައެއް ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެއީ:

  • ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުން.
  • ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000 ރުފިޔާ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
  • މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން

ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާކުރާނެ ކަމަށެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000 ރުފިޔާއެވެ. އެ އަދަދު 120،000އަށް ބޮޑުކުރަން މިދިޔަ ޑިސެމްބަރު މަހު، އޭރު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރި ނަމަވެސް ރައީސް ވަނީ މުސާރަ ބޮޑުކުރަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނިންމަވައިފައިވާ ގޮތަށް، މުސާރަ 50 ޕަސެންޓް ކުޑަކޮށްފި ނަމަ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނީ 50،000 ރުފިޔާއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ބޭރުގެ އިދާރާތަކުން ވަނީ ލޯންތައް އަނބުރާ ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މޫޑީސްއާއި ފިޗުން ވެސް މި އަހަރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާއިރު، މާލީ ލަފާދޭ އިދާރާތަކުން އެންމެ ބޮޑަށް ގޮވައިލަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށެވެ.

comment ކޮމެންޓް