ގާޒާން (24 އޮކްޓޯބަރު 2024): ބްރިކްސްގެ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާނެ ޑޮލަރު ނޫން ޕޭމަންޓް ސިސްޓަމެއް އެއް އަހަރު ދުވަހުގެ ތެރޭގައި ގާއިމް ކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދީ ޖަމާއަތްކަމަށްވާ ބްރިކްސްއިން ނިންމައިފިއެވެ.
ރަޝިއާގެ އިސްލާމީ ޖުމްހޫރިއްޔާއެއް ކަމަށްވާ ތަތަރިސްތާނުގެ ވެރިރަށް ގާޒާން ގައި މިއަދު ނިމުނު ބްރިކްސް ޖަމާއަތުގެ އިސްވެރިންގެ ސަމިޓާ ހަވާލާދީ "އިކޮނޮމިސްޓް" ނޫސް ބުނާގޮތުން ޑޮލަރާ ނުލައި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ބްރިކްސްގެ ސަމިޓުން ނިންމި ޑިޖިޓަލް ޕޭމަންޓް ސިސްޓަމްގެ ނަމަކީ " ބްރިކްސް ބްރިޖް" އެވެ.
މި ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުން ބްރިކްސްގެ ގައުމުތަކުގެ މެދުގައި އެގައުމުތަކުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް އެޖަމާއަތުގެ ގައުމުތަކުގެ ފައިސާއިން އަގު އަދާ ކުރެވޭނެއެވެ.
ބްރިކްސްގެ ގައުމުތަކުގެ އަދަދު މިހާރު 10 އަކަށް އަރައެވެ. އެޖަމާއަތް ފުރަތަމަ އުފެއްދީ ރަޝިއާ، ޗައިނާ ބްރަޒީލް އަދި އިންޑިއާ ގުޅިގެން 2006 ވަނަ އަހަރެވެ. އެއަށްފަހު 2011 ވަނަ އަހަރު އެޖަމާއަތުގެ މެންބަރަކަށް ދެކުނު އެފްރިކާ ވިއެވެ. ދެކުނު އެފްރިކާއަކީ އެފްރިކާގެ އެންމެ ކުރިއަރާފައިވާ ގައުމެވެ. އަދި އެފްރިކާގެ އެންމެ ބޮޑު އިގްތިސާދެވެ. އަދި އެފްރިކާގެ އެންމެ ބޮޑު ސިނާއީ ގައުމުވެސް މެއެވެ.
އެއަށްފަހު ބްރިކްސްގެ މެންބަރުކަމަށް އެދި އީރާން، ސައޫދީ އަރަބިޔާ، ޔޫއޭއީ، މިސްރު އަދި އިތިއޮޕިޔާ ހުށަހެޅިއެވެ. މިފަހަރުގެ ސަމިޓްގައި މި5 ގައުމަށް އެޖަމާއަތުގެ ފުރިހަމަ މެންބަރުކަން ދިނެވެ. މިއާއެކު ބްރިކްސްގެ މެންބަރުންގެ އަދަދުވަނީ 10 އަކަށް އަރާފައެވެ. މީގެއިތުރުން ތުރުކީއާއި އަލްޖަޒާއިރު އަދި އިންޑޮނީޝިއާ އާއި ވިއެޓްނާމްވެސްވަނީ ބްރިކްސްގެ މެންބަރުކަމަށް އެދި ހުށަހަޅާފައެވެ. މިއީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެންމެ އުންމީދީ އިގްތިސާދުތަކެވެ.
ބްރިކްސް ޖަމާއަތުގެ މަގްސަދަކީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން ދުނިޔޭގައި ގާއިމްކޮށްފައިވާ ބޭއިންސާފު އަދި ކުރިއަރަމުން އަންނަ ގައުމުތަކަށް ފުރުސަތު ނެތް އިގްތިސާދީ ނިޒާމާ ވާދަކުރެވޭފަދަ އިންސާފުވެރި އަދި ކުރިއަރަމުން އަންނަ ގައުމުތަކުގެ ތަރައްގީއަށް އިސްކަންދޭ އިގްތިސާދީ އަދި ވިޔަފާރީގެ އައު ނިޒާމެއް އުފެއްދުމެވެ.
މިހާރު ބްރިކްސް އަކީ ދުނިޔޭގެ އާބާދީގެ 45 އިންސައްތަ ހިއްސާކުރާ އަދި ދުނިޔޭގެ އާމްދަނީގެ 35 އިންސައްތަ ހިއްސާކުރާ ވަރަށް ބޮޑު ޖަމާއަތެކެވެ. މިޖަމާއަތުގެ ގައުމުތަކަށް ބޭނުންވާ ތަރައްގީގެ ލޯން ދޫކުރުމަށްޓަކައި ބްރިކްސް ބޭންކްގެ ނަމުގައި ޚާއްސަ ބޭންކެއްވެސް މީގެ ދިހަވަރަކަށް އަހަރު ކުރިންވަނީ އުފައްދާފައެވެ.
ބްރިކްސްގެ ލީޑަރުން ދެކޭގޮތުގައި އެމެރިކާ ޑޮލަރާއި ޔޫރޯ ފިޔަވައި އެހެން ރިޒާވް ފައިސާއެއް ދުނިޔެއަށް ގެންނަން އެބަޖެހެއެވެ. އެއީ ޑޮލަރާއި ޔޫރޯ ބޭނުންކޮށްގެން އެމެރިކާއާއި ޔޫރަޕުން ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ހުޅަނގުގެ ގައުމުތައް ބޭނުންވާ ކޮންމެ ގައުމަކަށް އަދަބު ދެމުން ގެންދާތީއެވެ.
އެމެރިކާ ޑޮލަރަކީ ދުނިޔޭގެ ރިޒާވް ފައިސާއެއްގެ އިތުރުން އެއީ އެމެރިކާގެ ބާރާއި ނުފޫޒާ އަދި އެހެން ގައުމުތަކަށް އަދަބުދީ އެމެރިކާ ބޭނުންވާ ގައުމެއް އިނދަޖައްސާލުމަށް އެމެރިކާ ގެންގުޅޭ ނުރައްކާތެރި ހަތިޔާރެއްވެސް މެއެވެ. އެމެރިކާގެ އިގްތިސާދު ދަމަހައްޓާ މައިގަނޑު އެއްޗަކީވެސް ޑޮލަރެވެ.
ބްރިކްސްގެ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާނެ ޑޮލަރު ނޫން ޕޭމަންޓް ސިސްޓަމެއް ގާއިމް ކުރެވިއްޖެނަމަ އެމެރިކާގެ ޑޮލަރުގެ ނުފޫޒުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަވެގެންދާނެ ކަމަށް މުހައްލިލުން ދެކެއެވެ. އަދި އަހަރުތަކެއް ފަހުން ޑޮލަރުގެ ނުފޫޒު ތިން ބައިކުޅަ ދެބައަށްވެސް ކުޑަވެގެންދާނެކަމަށް ލަފާކުރެއެވެ.
ބްރިކްސްގެ އަސްލު މަގްސަދަކީ އެޖަމާއަތަށް ޚާއްސަ ރިޒާވް ފައިސާއެއް ވުޖޫދަށް ގެނައުމެވެ. ނަމަވެސް މިކަމަށް އަދި އަހަރުތަކެއް ނަގާނެތީ މިހާރު މަސައްކަތްކުރަނީ ބްރިކްސްގެ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާނެ ޑޮލަރު ނޫން ޕޭމަންޓް ސިސްޓަމެއް އުފައްދައި އެސިސްޓަމުން ބްރިކްސްގެ މެންބަރު ގައުމުތަކުގެ ފައިސާއިން ވިޔަފާރީގެ ޕޭމަންޓްތައް ޑިޖިޓަލްކޮށް ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށެވެ.
މިހާރުވެސް ބްރިކްސްގެ ދޭދޭ ގައުމުތަކުގެ މެދުގައި އެގައުމުތަކުގެ ފައިސާއިން ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކެއް ކުރަމުން އެބަގެންދެއެވެ. މީގެތެރޭގައި ރަޝިއާއާއި ޗައިނާ އާ ދެމެދު އެދެގައުމުގެ ފައިސާއިން ކުރާ ވިޔަފާރީގެ މުއާމަލާތްތަކާއި ޗައިނާއާއި ސައޫދީ އާ ދެމެދު ޑޮލަރާ ނުލައި ތެލުގެ ވިޔަފާރި އާއި އެނޫންވެސް ވިޔަފާރީގެ މުއާމަލާތްތައް ކުރުން ހިމެނެއެވެ.
މީގެއިތުރުން އިންޑިއާއާއި ރަޝިއާ އާ ދެމެދު އެދެގައުމުގެ ފައިސާއިން މުއާމަލާތްކުރެއެވެ. އަދި ބްރަޒީލް އާއި ޔޫއޭއީ އަދި ދެކުނު އެފްރިކާ ފަދަ ގައުމުތަކުންވެސް ބްރިކްސް ގެ ގައުމުތަކާ ވިޔަފާރީގެ މުއާމަލާތްތައް އެގައުމުތަކުގެ ފައިސާއިން ކުރަމުން ގެންދެއެވެ. މިކަމުގެ ސަބަބުން ބްރިކްސްގެ ދޭދޭ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި މުއާމަލާތް ޑޮލަރާ ނުލައި ކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑޮލަރާ ނުލައި ކުރާ މުއާމަލާތްތައް ބްރިކްސްގެ ގައުމުތަކުން ކުރާތީ އެމެރިކާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ބްރިކްސް އާމެދު އެމެރިކާ ދެކެނީ ވަރަށް ހަތުވެރިވެރި ދުޝްމަންކަމުގެ ނަޒަރަކުންނެވެ. އެމެރިކާގެ ބާރާއި ނުފޫޒު ކަނޑުވާލަން މަސައްކަތްކުރާ ޖަމާއަތެއްގެ ގޮތުގައެވެ.
ނަމަވެސް ބްރިކްސްގައި ހިމެނޭ ޗައިނާއާއި އިންޑިއާ އަދި ދެކުނު އެފްރިކާއާއި ބްރަޒީލް ފަދަ ގައުމުތަކަކީ އެމެރިކާގެ އިންވެސްޓްމަންޓްތައް އިންތިހާއަށް ގިނަ ގައުމުތައް ކަމަށްވާތީ އެގައުމުތަކާ ދެކޮޅަށް މާބޮޑު ފިޔަވަޅެއް އެޅުމަކީ އެމެރިކާއަށް ކުރެވޭވަރުގެ ކަމެއްނޫނެވެ.
ޑޮލަރުން ކުރާ މުއާމަލާތްތައް މަދުވެއްޖެނަމަ ޑޮލަރުގެ ބާރާއި ނުފޫޒު ކުޑަވާނެއެވެ. ޑޮލަރުގެ ޑިމާންޑް ކުޑަވެއްޖެނަމަ އެމެރިކާގެ އިގްތިސާދީ ބާރުވެސް ކުޑަވާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.