މަންމައަށް ހަމަލާދީ، ފޭރުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަންމައަށް އަނިޔާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ -- ފޮޓޯ/ ފުލުހުން

މަންމައަށް ވަޅިން ހަމަލާދީ މަރާލާނެކަމުގެ އިންޒާރުދީ، އަނިޔާކުރުމަށް ފަހު، ފޭރުނުކަމުގެ ތުހުމަތުގައި ފުލުހުން މިއަދު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރީ، ހ. އެހަޑަ، މުހައްމަދު އިސްމާއިލް (28އ) ކަމަށެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުގެ އެޗް13ގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށް އިއްޔެ އިރުއޮއްސި 18:17 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

އެ އެޕާޓްމަންޓަށް ފުލުހުން ދިއުމުން، ދޮރު ހުޅުވީ 57 އަހަރުގެ އަންހެނެކެވެ. އެ މީހާގެ ދަރިފުޅު މުހައްމަދު އިސްމާއިލް އެ މީހާއަށް އަނިޔާކުރުމަށް ފަހު، ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށް އެ މީހާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ މީހާ މަންމަގެ ފޯނު ވެސް ފޭރިގެންފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

އެހެންވެ، އެ މީހާގެ ދަރިފުޅު މުހައްމަދު އިސްމާއިލް ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.

އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، ރޭ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް