ރޭ ގަނޑިން ފަތިހު 05:00 ގައި ރައްޔިތުން މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދަށް (މެޓްރިކްސް މޯޑް) އައީ ފޯނު ކޯލެކެވެ. އެއީ އޭނާގެ ގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ވާހަކައެވެ. އޭރު އޭނާ ހުރީ މަސައްކަތެއް ކުރުމަށް މާލޭގައެވެ.
ސ. ހިތަދޫ، ގާލޭންޑްގައި އަލިފާން ރޯވިއިރު އެ ގޭގައި މުހައްމަދުގެ ކޮއްކޮއާއި އޭނާގެ ފިރިމީހާގެ އިތުރުން ދެ ކުޑަކުއްޖަކު ނިދާފައި ތިއްބެވެ. ހޭލެވުނީ ދުންގަނޑު ބޯވެ، އޭގެ އަސަރުކުރުމާއެކުއެވެ. ދުންގަނޑު ބޯވެގެން ގެއިން ނުކުންނަން ބެލިއިރު، އެޕާޓްމަންޓްގެ ދޮރު ބޭރުން އަލިފާންގަނޑު ފެނެއެވެ. އެއާއެކު އެދެމަފިރިން ދަރިންނާއެކު ނިކުތީ ގޭގެ ކުޑަދޮރުންނެވެ.
"އެމީހުން ނިކުމެފަ އަޅުގަނޑަށް ގުޅީ. ގުޅާފަ ބުނީ ގެ އަނދަނީއޭ. ގޭގެ ފެންޑާގަ ހުރި ސައިކަލެއް އެއްކޮށް އަނދާ އަޅިއަށްވެފަ އޮތީ،" ސަންއާ އެ ވާހަކަ ހިއްސާކުރަމުން މުހައްމަދު ކިޔައިދެއްވިއެވެ.
މުހައްމަދުގެ ގެއަކީ 5،000 އަކަފޫޓުގެ ބިމެެކެވެ. އެ ބިމުގައި ގެ އަޅާފައި ހުރީ 3،000 އަކަފޫޓަށެވެ. ހަތް ކޮޓަރީގެ އެ ގޭގައި ބޮޑު ގުދަނެއް ވެސް ހަދާފައި ހުރެއެވެ. އެއީ ވަރަށް ބޮޑު ގެއެކެވެ.
މުހައްމަދު ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ޔަގީން ނުކުރެވުނު ނަމަވެސް ތުހުމަތުކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ.
"މި ބެލެވެނީ ދެގޮތަކަށް. ދެން އަޅުގަނޑު ވަކި ގޮތެއް ކިޔަނީކީ ނޫން އަދި އިންވެސްޓިގޭޝަން ކުރިއަށް އެ ދަނީ. ސައިކަލުގަ ބަޔަކު ރޯކޮށްލައިގެން ގޭތެރޭގަ އަލިފާން ހިފީކަމަށް މި ބެލެވެނީ. ގެ ހަމަ އެއްކޮށް އަނދާ އަޅިއަށްވެއްޖެ. ހިފާ ގެންގުޅޭ އެއްވެސް އެއްޗެއް މިހާރަކު ނެތް،" މުހައްމަދު ވިދާޅުވިއެވެ.
އައްޑޫގައި ހިނގި އަލިފާނުގެ ހާދިސާ: އެ ގެ ވަނީ އަނދާ ހުލިވެފައި -- ފޮޓޯ/ މުހައްމަދު ރަޝީދު
އެހީ ލިބުމުގައި ލަސްތަކެއް
ގެ އެއްކޮށް އަނދައި ހުލިވެފައިވާއިރު މުހައްމަދު ކިޔައިދެއްވި ގޮތުގައި އެހީ ލިބުމުގައި ވެސް ލަސްތަކެއް ހުއްޓެވެ. އަލިފާން ރޯވިކަން އެނގުމާއެކު ކަމާބެހޭ ފަރާތްތަކަށް އޭނާ ގުޅިއެވެ. ނަމަވެސް އަލިފާން ނިއްވުމުގެ ކަންކަން ފެށުނީ ތަންކޮޅެއް ލަހުން ކަމަށް މުޙައްމަދު ވިދާޅުވިއެވެ.
"ވަރަށް ލަހުން ލިބުނީ. އެއްކޮށް ނުއެއް އަނދާ އޭރު. އޭރު މެދާ ހިސާބަށް އެއްކޮށް ގަދައަށް އަނދަމުން ދިޔައީ. ދެން އެހީތެރިކަން ލިބުނީ ގާތްގަނޑަކަށް ބަލަމާ 30 މިނެޓަށް ވުރެ ގިނައިރުވެފަ އޮތީ. އެންމެ ފުރަތަމަ އަލިފާން ނިއްވާ މީހުން އައިސް ފެންޖަހަން ފެށިތާ ގާތްގަނޑަކަށް ފަސް މިނެޓުތެރޭ އެ ހުސްވެއްޖެ. ދެން އަނެއްކާ އިތުރު ވެހިކަލެއް ލިބުނީ 20އަކަށް މިނެޓު ފަހުން،" މުހައްމަދު ވިދާޅުވިއެވެ.
އެކަމުން ފާހަގަކުރެވުނީ އެވަރުގެ އެމަޖެންސީ ކަންތައްތަކަށް އައްޑޫސިޓީ 'ރެޑީ' ނޫން ކަން ކަމަށް މުހައްމަދު ވިދާޅުވިއެވެ.
"މާލޭގެ މެއިން ސްޓޭޝަނުން ވެސް ކޯލް ރިސީވްކުރި. އަޅުގަނޑު ގުޅީމަ ބުނި މައުލޫމާތު ލިބިފައޭވި ހަރަކާތްތެރިވަމުންނޭ ދަނީ. އެހެންނަމަވެސް އޭރަކު އެތަނަކަށް ނުދޭ [އަލިފާން ނިއްވާ މީހުންނެއް]. ދެން އަޅުގަނޑު އަމިއްލައަށް ގުޅާ ފެނަކައިން އެ ސަރަހައްދުގެ ކަރަންޓު ކަނޑުވައި ކަންތައްތައް ވެސް ކުރުވީ މާލޭގަ ހުރެގެން،" މުހައްމަދު ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން މީގެ ކުރިން ބުނީ، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ފަތިހު 05:11 އެހާކަންހާއިރު ކަމަށެވެ. އަދި އެ ގޭގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު 08:05 އެހާކަންހާއިރު ކަމަށް ސިފައިން ބުންޏެވެ.
އައްޑޫގައި ހިނގި އަލިފާނުގެ ހާދިސާ: އެ ގެ ވަނީ އަނދާ ހުލިވެފައި -- ފޮޓޯ/ މުހައްމަދު ރަޝީދު
ގެއްލިދިޔައީ އުމުރު ދުވަހުގެ ހަނދާންތައް
އަނދައި އަޅިއަށްވި ގެއަކީ މުހައްމަދުގެ އުމުރުން ހަތަރު އަހަރުން ފެށިގެން ދިރިއުޅެމުންދިޔަ ގެއެވެ. މިހާރު އޭނާގެ އުމުރުން 44 އަހަރެވެ.
މުހައްމަދު ވިދާޅުވީ އެ ގޭގައި އޭނައާ އެކުގައި ދެން ދިރިއުޅެނީ އޭނާގެ ތިން ކޮއްކޮ ކަމަށެވެ. އަދި އެ ހާދިސާއަކީ އޭނާގެ މުޅި އާއިލާއަށް ވެސް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"ވަރަށް ދެރަކަމެއް ދެން އެ ދިމާވީ. އަޅުގަނޑުގެ ހުރިހާ އެއްޗެއް، އޯލްޑް މެމޮރީސް، އެޗީވްމަންޓްސް، ސެޓްފިކެޓްތަކާ ހުރިހާ އެއްޗެއް. އެއްވެސް އެއްޗެއް ސަލާމަތެއް ނުވޭ. އަޅުގަނޑު މާލެ އައީ މަހެއްހާ ދުވަހަށް މަސައްކަތެއް ކޮށްލަން ހެދުންކޮޅެއް ހިފައިގެން. ދެން އިތުރު އެއްވެސް އެއްޗެއް ނުގެންނަން،" މުހައްމަދު ވިދާޅުވިއެވެ.
ގެ އަނދައި ދިޔުމުން އާއިލާގެ މީހުން ބައިތިއްބާނެ އިތުރު ގޮތެއް ނެތް ކަމަށް މުހައްމަދު ވިދާޅުވިއެވެ.
"ނަމަވެސް އައްޑޫ ސިޓީ ކައުންސިލާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެޓެންޑުކުރި. ދެން ޕޮލިސް އެމްއެންޑީއެފް ހުރިހާ އެންމެންގެ އެއްބާރުލުން އަދި ލިބެމުންދަނީ. ކައުންސިލުން ވެސް އެބައޮތް މިހާރު އަޅުގަނޑަށް އަންގާފަ ރަށަށް ގޮސްވެސް ހުންނާނެ ތަނެއް ދައްކާނެ ކަމަށް. ފަސް ދުވަހަށް. ދެން އޭގެ ފަހުން ދާއިމީ ތަނެއް ދައްކާނެ ވާހަކަ ގޮތެއް ނިމެންދެން،" މުހައްމަދު ވިދާޅުވިއެވެ.
"ހަގީގަތަކީ ވަރަށް ބޮޑަށް އުނދަގޫވެފަ މިހުރީ. ބައެއް ކަންތައްތައް ހަނދާން ނެތޭހާ ގޯސް ލެވަލްގަ މިހުރީ،" އެއާޕޯޓުގައި ހުރެ ފުރަން ދަމުން އޭނާ ކިޔައިދެއްވިއެވެ.
ރޭ ފަތިހު ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެ ގެ އެއްކޮށް އަނދައި ހުލިވިއިރު ގެއްލި ދިޔައީ އޭނާގެ އުމުރު ދުވަހުގެ ހަނދާންތަކެވެ.