ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ހިޔާ ފުލެޓުތަކުގެ ތެރެއިން ފުލެޓެއްގެ ތެރެއިން މަސްތުވާތަކެއްޗާއި ބަނގުރަލާ އެކު ތިން ޒުވާނުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ:
- ލ. ގަން / ތުނޑި. މިލާނޯ، މުޙައްމަދު ރިޝްފާން (28އ)
- ލ. ގަން / މަތިމަރަދޫ، ރިޔާޟު، ޙުސައިން ޝިޔާން (23އ)
- ލ. ގަން / ތުނޑި. ފީނިވިލާ، ޙައްވާ ސިމާނާ (29އ)
ފުލުހުން ބުނީ، ތިން ޒުވާނުން ހައްހަރުކުރީ މިދިޔަ ބުދަ ދުވަހު ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު ނުވައެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނުމާ ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ދަޅަކާއި ފަސް ރަބަރު ޕެކެޓްގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ރިޝްފާނާއި ޙުސައިން ޝިޔާން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ޙައްވާ ސިމާނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.