ވަގަށް ބޭރުކުރަން އުޅުނު 81،030 ޑޮލަރު ދައުލަތަށް ނަގައި، 12،000 ރުފިޔާގެ ޖޫރިމަނާއެއް

81،030 ޑޮލަރު ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ބިދޭސީ މީހާ: އެ ޑޮލަރު ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައި -- ފޮޓޯ/ ފުލުހުން

ކޯންފްލޭކްސް ޕެކެޓެއް ތެރޭ ފޮރުވައިގެން ބިދޭސީ މީހަކު ރާއްޖެއިން ބޭރަށް ގެންދަން އުޅުނު 81،030 ޑޮލަރު (1,243,810.50 ރުފިޔާ) ދައުލަތަށް ނަގައި، އޭނާ 12،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެ މައްސަލައިގައި ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ދައުވާކޮށްފައިވަނީ ބަންގްލަދޭޝްގެ ޝަހްމިން އިސްލާމް ޝަގުރްއަށެވެ.

އޭނާ ހައްޔަރުކުރީ، މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު 13:53 ހާއިރު، ބަންގްލަދޭޝްއަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ލަގެޖު ބެލިއިރު ޑޮލަރުތައް ފެނުމުންނެވެ.

އެ މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން އެ މައްސަލައަކީ އިއުތިރާފުގެ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅައިފައިވާ މައްސަލައެކެވެ. އޭނާ ވަނީ، ދައުވާއަށް އިއުތިރާފުވެ، އެ މައްސަލައިގައި ވަކީލަކު ހަމަޖެއްސުމުގެ ތަނަވަސްކަން ނެތް ކަމަށާއި އޭނާ އެދެނީ ވީހާ ވެސް އަވަހަށް ހުކުމްކޮށް، ރާއްޖެއިން ޑީޕޯޓުކޮށް ދިނުމަށް ކަމަށް ބުނެފައެވެ.

ފޮރުވައިގެން ގެންދަން އުޅުނު ޑޮލަރުތައް: އެ ގެންދަން އުޅުނީ ކޯންފްލޭކްސް ޕެކެޓެއްތެރޭގައި ފޮރުވައިގެން -- ފޮޓޯ/ އޭވިއޭޝަން ކޮމާންޑް

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޝަހްމިންއާ އެކު ހަދައިފައިވާ އިއުތިރާފުގެ އެއްބަސްވުމުގައި ވަނީ އޭނާ ގެންދަން އުޅުނު ޑޮލަރުތައް ދައުލަތަށް ނަގައި، ޖޫރިމަނާގެ ގޮތުގައި 12،000 ރުފިޔާ ދެއްކުމަށެވެ. އަދި, އޭނާ ވަނީ، އޭނާގެ އަމިއްލަ ފައިސާގެ ގޮތުގައި ހިމެނޭ 4500 ޑޮލަރާއި 350 ޔޫރޯ (74،911 ރުފިޔާ) ކަސްޓަމްސްއިން ހިފަހައްޓައިފައިވާ ކަމަށާއި އެ ފައިސާ ލިބުމުން ޖޫރިމަނާ ދެއްކޭނެ ކަމަށް ބުނެފައެވެ.

ދައުލަތުން ވަނީ އެ މައްސަލައިގައި ހުކުމްކުރުމާ އެކު ފަސް ދުވަހުގެ ތެރޭގައި އޭނާގެ ފައިސާ ހަވާލުކުރާނެ ކަމަށް ބުނެފައެވެ.

https://sun.mv/195934

އެހެންވެ، އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ފޮރުވައިގެން ގެންދަން އުޅުނު ޑޮލަރުތައް އަތުލައި 15 ދުވަސް ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށެވެ.

comment ކޮމެންޓް