ކޯންފްލޭކްސް ޕެކެޓެއްތެރޭ ފޮރުވައިގެން ގެންދަން އުޅުނު 81،030 ޑޮލަރު އަތުލައިފި

ފޮރުވައިގެން ގެންދަން އުޅުނު 81،030 ޑޮލަރު އަތުލައިފި: އެ ގެންދަން އުޅުނީ ކޯންފްލޭކްސް ޕެކެޓެއްތެރޭގައި ފޮރުވައިގެން -- ފޮޓޯ/ އޭވިއޭޝަން ކޮމާންޑް

ކޯންފްލޭކްސް ޕެކެޓެއް ތެރޭ ފޮރުވައިގެން ރާއްޖެއިން ބޭރަށް ގެންދަން އުޅުނު 81،030 ޑޮލަރު (1,243,810.50 ރުފިޔާ) މިއަދު އަތުލައިގަނެފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ފައިސާ ފެނިފައިވަނީ މިއަދު ޔޫއެސް ބަންގްލާ އެއާލައިންސްއިން، މާލެއިން ބަންގްލަދޭޝްގެ ވެރި ރަށް ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން ކަމަށެވެ.

އަދި އެ ފައިސާ ފޮރުވައިގެން ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނުކަން އެއާޕޯޓުގެ ސްކްރީނިންގް ޓީމުން ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ.

އޭވިއޭޝަން ކޮމާންޑުން އެކްސްގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ލަގެޖުގައި އެ ޑޮލަރުތައް ފޮރުވައިގެން ގެންދިޔައީ ކެލޯގްސް ބްރޭންޑްގެ ކޯންފްލޭކްސް ޕެކެޓެއް ތެރޭގައެވެ. އެ ޕެކެޓު ވަނީ ޑޮލަރުތައް އެޅުމަށްފަހު ރީއްޗަށް ބަންދުކޮށްފައެވެ.

ނަމަވެސް ސްކްރީނިން ޓީމުން އެ ޕެކެޓު ހުޅުވުމަށްފަހު ބެލި ބެލުމުން އެ ޑޮލަރުތައް ހޯދާފައިވެއެވެ.

ގަވާއިދުގައިވާ ގޮތުން ނަމަ 20،000 ޑޮލަރަށް ވުރެ މަތީ އަދަދެއްގެ ފައިސާ ރާއްޖެ އެތެރެކޮށް ބޭރުކުރާނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ އަދި ވިޔަފާރިކުރާ ބިދޭސީން އަތުލައިގަނެ ފިޔަވަޅުއަޅަމުންނެވެ.

comment ކޮމެންޓް