ފައިސާގެ މުއާމަލާތްތަކަށް ބޭނުންކުރާ އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތްތައް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ކެބިނެޓުގައި މަޝްވަރާކުރުމަށް ފަހު ރައީސް ވަނީ ޔޫޕީއައި ތައާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ނިންމަވައިފައެވެ.
އެ ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް އެމަނިކުފާނު ހަމަޖެއްސެވީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.
މީގެ އިތުރުން ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، އިކޮނޮމިކް މިނިސްޓްރީ އިސްކޮށް އޮންނަ ގޮތަށް ފިނޭންސް އާއި ހޯމް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނޭ ޓީމެއް އެކުލަވައިލުމަށް ވެސް ރައީސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ޔޫޕީއައިގެ ޚިދުމަތް ދިނުމަށް ޓަކައި އެ ކަމަށް ޚާއްސަ އެމްއޯޔޫއެއްގައި މިދިޔަ އޮގަސްޓު މަހުގެ ނުވައެއްގައި ސޮއިކޮށްފައިވެއެވެ. އެ އެމްއޯޔޫގައި ސޮއިކުރީ އިކޮނޮމިކް މިނިސްޓްރީއާއި އިންޑިއާގެ ނެޗުރަލް ޕޭމަންޓް ކޯޕަރޭޝަނުންނެވެ.
އެ އެމްއޯޔޫގައި ސޮއިކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އޭނާ ވަނީ، އެމްއޯޔޫގައި ސޮއިކުރެވުމަކީ ރާއްޖެއަށް މި ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށާއި އުންމީދަކީ މިކަން ކާމިޔާބުވުންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޔޫޕީއައިގެ ފައިދާ ދިވެހި ފަތުރުވެރިކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ކުރާނެކަން ޖައިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާގައި ޔޫޕީއައި ތައާރަފްކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. މި ޚިދުމަތް އިންޑިއާއިން މިއަހަރު ވަނީ ސްރީލަންކާއަށް ވެސް ތައާރަފްކޮށްފައެވެ.
މިމަހުގެ ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް އިފްތިތާހުކޮށްފައިވެއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުން ރުޕޭ ކާޑު ބޭނުންކުރެވޭނެ ކަމަށް މިމަހުގެ ހަތެއްގައި އެ ބޭންކުން ބުނެފައިވެއެވެ.
ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ.
ރައީސް އިންޑިއާގެ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާތަކުގައި މޯދީވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ ޔޫޕީއައިގެ ޚިދުމަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ.