ސެކިއުރިޓީ ޓެސްޓެއްގެ ތެރޭގައި ތިން ކުންފުންޏެއްގެ ނެޓްވޯކަށް އޭއައި މޮޑެލްތަކެއް ވަދެފި

މިކަން ފާހަގަކުރެވުމާއެކު އެންތުރޯޕިކުން ވަނީ ސައިބާ ސެކިއުރިޓީއާ ގުޅޭ ޓޫލް ޓެސްޓުތައް ވަގުތުން ހުއްޓާލައިފައި ---

އެންތުރޯޕިކް ކުންފުނީގެ ކްލޯޑް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކެއް ސައިބާ ސެކިއުރިޓީ ޓެސްޓެއް ކުރުމުގެ ތެރޭގައި، އޮޅުވާލައިގެން ތިން ކުންފުންޏެއްގެ ސާވަރުތަކަށް ވަދެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ސިމިއުލޭޓެޑް ނުވަތަ އަސްލު ނޫން މާހައުލެއްގައި ޓެސްޓުކުރުމަށް ރޭވިފައިވީ ނަމަވެސް، ކޮންފިގްރޭޝަނަށް ދިމާވި މައްސަލައަކާ ހުރެ އިންޓަނެޓް ކަނެކްޝަން އޮންވެފައި އިނުމުގެ ސަބަބުންނެވެ.

މި މައްސަލަ ފާހަގަކުރެވުނީ އޯޕަންއޭއައިއިން ދާދިފަހުން ހާމަކުރި މިފަދަ ސެކިއުރިޓީ މައްސަލައަކާ ގުޅިގެން އެންތުރޯޕިކުން ކުރިއަށްގެންދިޔަ އެތެރޭގެ ރިވިއުއެއްގެ ތެރެއިންނެވެ. އެގޮތުން 141,000 އަށްވުރެ ގިނަ ސައިބާ ސެކިއުރިޓީ އިވެލުއޭޝަން ރަންތައް ބެލިބެލުމުން، ތިން ހާދިސާއެއްގައި އޭއައި މޮޑެލްތަކުން އިންޓަނެޓް މެދުވެރިކޮށް އެކި ފަރާތްތަކުގެ ނެޓްވޯކްތަކަށް ވާސިލްވެފައިވާކަން ވަނީ އެނގިފައެވެ.

އޭއައި މޮޑެލްތަކަށް ހަވާލުކުރެވުނު މަސައްކަތަކީ ސައިބާ ހަމަލާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށް ބޭއްވުނު "ކެޕްޗާ-ދަ-ފްލެގް" ހަރަކާތެކެވެ. މިއީ ސިމިއުލޭޓެޑް މާހައުލެއް ކަމަށް ބަލައި، އޭއައި މޮޑެލްތަކުން ވަނީ ބަލިކަށި ޕާސްވޯޑްތަކާއި، ހާމައަށް ހުރި ކްރެޑެންޝަލްތައް ބޭނުންކޮށްގެން ސިސްޓަމްތަކަށް ވަދެފައެވެ. ނަމަވެސް އެ މޮޑެލްތަކުން ގަސްދުގައި ސިމިއުލޭޝަން މާހައުލުން ބޭރަށް ނުކުތުމަށް ނުވަތަ ހަވާލުކުރެވުނު މަސައްކަތުގެ ބޭރުން އިތުރު ކަމެއް ކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށް އެންތުރޯޕިކުން ބުނެއެވެ.

https://sun.mv/224242

މި ހާދިސާގައި ހިމެނެނީ ކްލޯޑް އޯޕަސް 4.7 އާއި، ކްލޯޑް މީތޯސް 5 ގެ އިތުރުން އެ ކުންފުނީގެ އެތެރޭގެ ރިސާޗް މޮޑެލްއެކެވެ. އޭގެ ތެރެއިން އެއް މޮޑެލްއަކުން ކުންފުންޏެއްގެ ޕްރޮޑަކްޝަން ޑާޓާބޭސްއަކަށް ވަދެފައިވާއިރު، މީތޯސް 5 މޮޑެލްއިން ވަނީ އާންމު ޕައިތަން (PyPI) ރެޕޮސިޓަރީއަށް މެލިޝަސް ކޯޑެއް އަޕްލޯޑްކޮށްފައެވެ. އަދި ތިންވަނަ މޮޑެލްއިން އިންޓަނެޓްގައި ހުރި ސިސްޓަމްތައް ސްކޭންކުރަނިކޮށް، އެއީ އަސްލު މާހައުލެއްކަން އެނގުމުން އަމިއްލައަށް އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.

މިކަން ފާހަގަކުރެވުމާއެކު އެންތުރޯޕިކުން ވަނީ ސައިބާ ސެކިއުރިޓީއާ ގުޅޭ ޓޫލް ޓެސްޓުތައް ވަގުތުން ހުއްޓާލައި، އަސަރުކުރި ކުންފުނިތަކަށާއި ޓެސްޓިން ބައިވެރިޔާ އިރެގިއުލާ އަށް އެކަން އަންގާފައެވެ. އަދި ކުރިއަށްއޮތް ތަނުގައި މިފަދަ ކަމެއް ނުހިނގާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު