ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން، ހަތަރު އަހަރުގެ މާސްޓާ ޕްލޭނެއް ހަދަނީ

މީހަކު ދުންފަތުގެ އިސްތިއުމާލު ކުރަނީ: ދުންފަތުގެ މައްސަލައެއް ދާއިމީ ހައްލެއް ހޯދަން، ހަތަރު އަހަރު މާސްޓާ ޕްލޭނެއް ހަދަން ރައީސް ވަނީ ނިންމަވައިފައި -- ފޮޓޯ: ދި ގާޑިއަން

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް، ހަތަރު އަހަރުގެ މާސްޓާޕްލޭނެއް ހަދަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އިއްޔެ ވަޒީރުންގެ ލަފާގެ މަތީން ރައީސް ނިންމެވީ، ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެ ފަދަ ''ރިއަލިސްޓިކް'' މާސްޓަޕްލޭނެއް އެކުލަވައިލުމަށް ކަމަށެވެ.

އެ ޕްލޭން، މިމަހުގެ 27 ވަނަ ދުވަހު ބާއްވަވާ ކެބިނެޓް ބައްދަލުވުމަށް ހުށަހެޅުއްވުމަށް ވެސް އެ މަނިކުފާނު ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ މާސްޓާޕްލޭންގައި ހިމެނޭނެ ކަންތައްތަކުގެ ތެރޭގައި، ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖުތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ދުންފަތާ ދުރުހެލިވާން ބޭނުންވާ މީހުންނަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުމަށް ވެސް ރައީސް ނިންމަވައިފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުުރުމާ ދެކޮޅަށް މި ސަރުކާރުން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިންގުނަ ބޮޑުކުރަން ނިންމަވައިފައިވާކަން މިދިޔަ ހޯމަ ދުވަހު ރައީސް އިއުލާންކުރެއްވިއެވެ. އެ ކަމުގެ ސަބަބުން ސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް އުފުލޭނެއެވެ.

އޭގެ އިތުރުން، ދުންފަތުގެ ބާވަތެއް ކަމަށްވާ ވޭޕް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15އިން ފެށިގެން މަނާ ކުރުމަށް އެ މަނިކުފާނު ވަނީ އަންގަވައިފައެވެ.

https://sun.mv/197895

ހަމައެއާއެކު ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން އަންނަ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ރައީސް ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވައިފައެވެ.

https://sun.mv/197974

ރައީސްގެ އެ ނިންމެވުންތަކަށް ގިނަ އަދަދެއްގެ ދިވެހިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ތައުރީފުކޮށްފައިވެއެވެ.

comment ކޮމެންޓް