ވޭޕް މަނާކުރަން ނިންމުމުން ޑަބްލިއުއެޗްއޯގެ ތައުރީފު ރާއްޖެއަށް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ ޑރ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް އަދި ވޯލްޑް ހެލްތު އޮގަނައިޒޭޝަން، ސައުތު-އީސްޓް އޭޝިއާގެ ޑިރެކްޓަރު، އަލްފާޟިލާ ސާއިމާ ވަޒީދު: އެ ޖަމިއްޔާއިން ވަނީ ވޭޕް މަނާކުރަން ނިންމުމުން ރާއްޖެއަށް ތައުރީފު ކޮށްފައި -- ފޮޓޯ/ ޑަބްލިއުއެޗްއޯ

ރާއްޖޭގައި ވޭޕްކުރުން މަނާކުރަން ނިންމުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ރާއްޖެއަށް ތައުރީފުކޮށް, އެ ނިންމުމަށް މަރުހަބާ ކިޔައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް ވޭޕް އެތެރެކޮށް ބޭނުންކުރުން މަނާ ކުރަން ނިންމަވައިފައެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން، ސައުތު-އީސްޓް އޭޝިއާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, ރާއްޖެއިން ވޭޕް މަނާކުރުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އެ ނިންމުމަކީ ވަކިން ޚާއްސަކޮށް ޒުވާން އުމުރުގެ ކުދިންގެ މެދުގައި ވޭޕްކުރުން އިތުރުވުން ހުއްޓުވުމަށް މުހިންމު ފިޔަވަޅެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި 2019 ވަނަ އަހަރުގެ 'ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭ'އިން ދައްކާ ގޮތުގައި ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން ވަނީ އީ-ސިނގިރޭޓް ބޭނުންކޮށްފައެވެ.

ޚާއްސަކޮށް ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޒުވާނުންގެ މެދުގައި އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް)، އިލެކްޓްރޯނިކް ނޮން-ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް)، ހޫނު ދުންފަތުގެ ބާވަތްތައް (އެޗްޓީޕީ) އަދި ނިކޮޓިން ޕައުޗް (އެންޕީ) ފަދަ ނޮވެލް އަދި އިމާޖިން ނިކޮޓިން އެންޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެންޕީ) ބޭނުންކުރުން އިތުރުވަމުން ދިއުމަކީ ޚާއްސަކޮށް ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުންހުރި އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑު ކަމެއް،" ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މެންބަރު ގައުމުތަކުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން، ދުންފަތުގެ އިސްތިއުމާލުކުރުން އެންމެ ރަނގަޅަށް ކޮންޓްރޯލް ކޮށްފައިވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެގޮތުން، މުޅި ދުނިޔޭގައި ވެސް އީ-ސިނގިރޭޓް މަނާކޮށްފައިވަނީ އެންމެ 37 ގައުމަކުންކަން ފާހަގަކުރިއެވެ. އަދި، މިހާރު އެ ލިސްޓުގައި ރާއްޖެ ވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ރައީސް ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ފެށިގެން މަނާ ކުރުމަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން މި އަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން, ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިންގުނަ ބޮޑުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވަނީ ނިންމަވައިފައެވެ. އެ ކަމުގެ ސަބަބުން ސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް އުފުލޭނެއެވެ.

މި ނިންމުންތަކާ އެކު ގިނަ ބަޔަކު ވަނީ އެ ކަމަށް މަރުހަބާ ކިޔައި، އެއީ ދެން އަންނަ ޖީލުތައް ރައްކާތެރިކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބުނެ، ސަރުކާރަށް ތައުރީފުކޮށްފައެވެ.

comment ކޮމެންޓް