ރަމަޟާން މަހަކީ އެހެން މަސްތަކާ ޚިލާފަށް ކެއުމަށް އަންނަ ބޮޑު ބަދަލާ އެކު އޭގެ އުނދަގޫތައް ހަށިގަނޑަށް ވެސް ކުރާ މައްސަރެކެވެ.
ރޯދައަށް ހުންނަ ފުރަތަމަ ދުވަސްކޮޅު ވަރަށް ގިނަ ބަޔަކަށް "ފަސްޓް އޮފް ރަމަޟާން ހެޑޭކް" ނުވަތަ މާ ގަދައަށް ބޮލުގައި ރިއްސުމުގެ އުނދަގޫ ކުރިމަތިވެއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ އާއްމު މަސް މަހު ބޭނުންކުރާ ކެފެއިން އެކުލެވޭ ބުއިންތަކުން ދުރުވެ، އެނާޖީ ބުއިންތަކުގެ އިތުރުން ދުވާލުގެ ވަގުތު މީހާ މާ ބޮޑަށް ޑީހައިޑްރޭޓްވުން ފަދަ ކަންކަމެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަސްކޮޅު ހަށިގަނޑަށް ބޭނުންވާ ކެފެއިން އަދި ފެން ނުބޮވުމުގެ ސަބަބުން ބޮލުގައި ރިހުމަކީ ރޯދަ މަހާ އެކު ވަރަށް ގިނަ ބަޔަކު ތަހައްމަލުކުރާ ވޭނެކެވެ. ހަމައެއާއެކު މައިގްރޭން މައްސަލަ ހުންނަ މީހުންނަށް އަދި މިއީ މާ ވޭންހުރި ކަމެކެވެ.

ބޮލުގައި ރިއްސާނަމަ އެކަމުން ރައްކާތެރިކަން ހޯދުމަށް ރޯދަ ވީއްލުމަށް ކަދުރު އަދި ފެން ބޭނުންކުރެވިދާނެ ކަމަށް ސިއްހީ މާހިރު އިރުޝާދު ދެއްވާ--ފޮޓޯ/ޓެލެގްރާފީ
އިންޑިއާގެ މަނީޕަލް ހޮސްޕިޓަލުގެ ވެބްސައިޓުގައި މި ކަމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ރޯދަމަހު އަންނަ ބޮލުގެ ރިހުންތަކާ އަދި މައިގްރޭން މައްސަލައިން ރައްކާތެރިކަން ހޯދިދާނެ ގޮތްތަކެއް ބުނެދީފައިވެއެވެ.
އޭގެ ތެރޭގައި ރަމަޟާން މަސް ފެށުމުގެ ކުރިން ކެއުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެވިދާނެ ކަމަށް މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި:
• ކޮންމެ ދުވަހަކު ވެސް އެއް ވަގުތެއްގައި ނިދާ ހޭލުމަށް އާދަކުރުން
• ހަށިގަނޑަށް ބޭނުންވާ 8-7 ގަޑިއިރުގެ ނިދި ފުރިހަމައަށް ހޯދުން
• މޮބައިލް ފޯން، ލެޕްޓޮޕް އަދި ޓީވީ ފަދަ ސްކްރީން ހުންނަ ގެޒެޓުތައް ބޭނުންކުރާ މިންވަރު މަދުކުރުން
• ނިދުމުގެ ކުރިން ހޫނު ފެނުން ފެންވަރާލުން ނުވަތަ މެޑިޓޭޓްކުރުން އަދި ނޭވާލުމުގެ ޚާއްސަ ކަސްރަތެއް ކޮށްލުން
• ޕްރޮޓީން މާއްދާއިން މުއްސަނދި ކެއުންތައް ހާރުދަމުގެ ވަގުތު ކެއުމުގައި ހިމެނުން. އޭގެ ތެރޭގައި އޯޓްސް، ބްރައުން ރައިސް، ނަޓްސް އަދި އެކި ބާވަތްތަކުގެ އޮށްތައް ހިމެނޭ
• ރޯދަވީއްލާ ވަގުތު ކަދުރު އަދި ފެން ބޭނުންކުރުން
• ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށް ތަރުކާރީއާއި މޭވާގެ ބާވަތްތައް ރޯދަވީއްލާ ވަގުތު ކެއުމުގައި ހިމެނުން
ރަމަޟާން މަހު ފޮނިކާތަކެއްޗާއި ލޮނުގެ ބާވަތްތައް މަދުކުރުމަކީ ވެސް ބްލަޑް ޝުގާ ދަށްކޮށްދީ ބޮލުގައި ރިހުން ލުއިކޮށްލަދޭނެ ކަމެއް ކަމަށް މި ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ. ހަމައެއާ އެކު އެއްފަހަރާ މާ ގިނައިން ކެއުމުގެ ބަދަލުގައި ކެއުން އެއް ހަމައެއްގައި ގެންގުޅެ ތެލުގެ ބާވަތްތައް އެކުލެވޭ ކެއުންތަކުން ދުރުހެލިވުމަށް ވެސް މި ލިޔުމުގައި ވަނީ އިރުޝާދުދީފައެވެ.
މި އާދަތަކާ އެކު ވެސް މައިގްރޭންގެ ރިހުން މާ ބޮޑަށް ތަހައްމަލުކޮށް ބޮލުގައި ރިއްސާނަމަ ވީހާ ވެސް އަވަހަކަށް ސިއްހީ އެހީތެރިއެއްގެ ލަފާ އެކަމުގައި ހޯދުން ބުއްދިވެރިއެވެ.