ރާއްޖެއަށް ވޭޕް އެތެރެކޮށް ބޭނުން ކުރުން މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސްގެ މި ނިންމެވުން ހާމަކުރައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވަކަމަށް ރައީސްގެ ޕޯސްޓުގައި ވެއެވެ.
ރައީސްގެ ނިންމެވުމާ ގުޅިގެން ބަންޑާރަ ނައިބު އަހްމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގަިއ ވަނީ، މި ނިންމެވުން ތަންފީޒު ކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާކަމަށެވެ.
"އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި ދިވެހި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ،" އެ ޕޯސްޓުގައި ވެއެވެ.
ވޭޕްގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް އަޅުއްވަންވީ ފިޔަވަޅުތައް ދިރާސާ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގައި ސަބް ކޮމިޓީއެއް އުފައްދަވައި ރައީސް ވަނީ، މިކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާ ވެސް ކުރައްވައިފައެވެ.
އެމަނިކުފާނު ރާއްޖޭގައި ވޭޕްކުރުން މަނާކުރަން ނިންމަވާފައި މިވަނީ ދުންފަތުގެ ބާވަތްތަކާއި، ޚާއްސަކޮށް ވޭޕާއި އީ-ސިނގިރޭޓު މަނާކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށެވެ.
އެގޮތުން ދުންފަތް އެކުލެވޭ އެކި ބާވަތްތަކާއި ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ, މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)އާއި، ނަރުހުންގެ ޖަމިއްޔާއާއި، ގައުމީ 21 ކުޅިވަރު ޖަމިއްޔާއަކުން ވެސް މިފަހުން ގޮވާލިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން 2019 ވަނަ އަހަރު ހެދި ސާވޭގައި ދައްކާ ގޮތުން، ރާއްޖޭގެ 13 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން 17.1 ޕަސެންޓު ކުދިން އީ-ސިނގިރޭޓް ނުވަތަ ވޭޕް ބޭނުންކުރެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ވުރެ މިހާރު ސްކޫލުތަކުގެ ކުދިން ވޭޕާއި އީ-ސިނގިރޭޓް ބޭނުންކުރާ މިންވަރު ދެގުނައަށް ނުވަތަ ތިންގުނައަށް އިތުރުވެފައިވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ލަފާކުރައްވައެވެ.
ހަމައެއާއެކު ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ 2019އިން ދައްކާ ގޮތުގައި ސްކޫލު ކުދިންގެ މެދުގައި އީ-ސިނގިރޭޓް ބޭނުންކުރަމުންދާ މިންވަރު އަންނަނީ ހަލުއިކަމާ އެކު އިތުރުވަމުންނެވެ.
ރާއްޖޭގައި ވޭޕްކުރުން އާންމުވެ އެއްވެސް ގަވާއިދެއް ހަމައެއް ނެތި މިކަން ދޫކޮށްލާފައި އޮންނަތާ ވަނީ އަހަރުތަކެއް ވެފައެވެ. ކުރީ ސަރުކާރުތަކުގައި ވެސް ސިއްހީ މާހިރުން ދިޔައީ ވޭޕާ ގުޅިގެން ހުރި ނުރައްކާތަކުގެ ވާހަކަ ދައްކަވަމުންނެވެ.
ވޭޕްގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ފުއްޕާމޭގައި ފެންހެދުމާއި މިފަދަ ނުރައްކާތެރި އެތައް ކަމެއް ފާހަގަކުރެވެއެވެ. އަދި ވޭޕް މެދުވެރިކޮށް މަސްތުވާތަކެތި ޑިސްޓްރިބިއުޓް ކުރުމުގެ ކަންބޮޑުވުންތައް ވެސް މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.
ސްކޫލު މާހައުލުގައި ވޭޕް ބޭނުންކުރުން އާންމުވެ، ބެލެނިވެރިންގެ ޝަކުވާތައް ވެސް މިކަމާ ގުޅިގެން ދިޔައީ އާންމުވަމުންނެވެ.
ވޭޕްގެ ސަބަބުން ކުރިމަތިވާ މިފަދަ މައްސަލަތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޮޑުވެ، ވޭޕްގެ ނުރައްކަލުން ސަލާމަތްވުމަށް ދަނީ ގިނަ ފިޔަނަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުން ދަނީ ވޭޕް މަނާކޮށް ގާނޫނީ ކުށަކަށް ހަދަމުންނެވެ.