ދިވެހިބަހުގެ އެކެޑަމީއާއި މީރާ ގުޅިގެން ކުރިއަށް ގެންދިޔަ ކޯސް ނިންމައި، ސެޓްފިކެޓް ހަވާލުކޮށްފި

ކޯހެގެ ބައިވެރިންނާއެކު އެކެޑަމީގެ ރައީސް: ދިވެހިބަހުގެ އެކެޑަމީއާއި މީރާ ގުޅިގެން ކުރިއަށް ގެންދިޔަ ކޯސް ނިންމައި، ސެޓްފިކެޓް ވަނީ ހަވާލުކޮށްފައި --- ފޮޓޯ/ މީރާ

ދިވެހިބަހުގެ އެކެޑަމީއާއި މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން ކުރިއަށް ގެންދިޔަ ދިވެހިބަހުގެ ކުރު މުއްދަތުގެ ކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނި ގޮތުގައި، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް އެ އެކެޑަމީން ކުރިއަށްގެންދާ ކޯސް މި ފަހަރު ކުރިއަށް ގެންދިޔައީ މީރާގެ އެދުމުގެ މަތީންނެވެ.

އެ ކޯސް ކުރިއަށް ގެންދިޔައީ މިދިޔަ މަހު އަށްވަނަ ދުވަހުން 11ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު، މި ކޯހުގައި 23 މުވައްޒަފުން ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައި، ސެޓްފިކެޓް ހާސިލްކޮށްފައި ވަނީ 17 މުވައްޒަފުންނެވެ.

ކޯހުގެ ބައިވެރިއަކަށް ސެޓްފިކެޓް ހަވާލު ކުރަނީ: ދިވެހިބަހުގެ އެކެޑަމީއާއި މީރާ ގުޅިގެން ކުރިއަށް ގެންދިޔަ ކޯސް ނިންމައި، ސެޓްފިކެޓް ވަނީ ހަވާލުކޮށްފައި --- ފޮޓޯ/ މީރާ

އެ ކޯހުގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި، ކުށެއް ނެތި ރީތި އިބާރާތުން ލިޔާނެ ގޮތާއި، އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތްކުރާނެ ގޮތާއި، ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތައް ކަމަށް އެކެޑަމީން މައުލޫމާތު ދީފައިވެއެވެ.

އެ ކޯހުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ދެ ދާރިސުން ކަމުގައިވާ އަޒީޒާ އަފީފާއި ޝިއުނާ އަޙުމަދެވެ.

މި ކޯސް ނިންމި ބައިވެރީންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަސް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ.

ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް: ދިވެހިބަހުގެ އެކެޑަމީއާއި މީރާ ގުޅިގެން ކުރިއަށް ގެންދިޔަ ކޯސް ނިންމައި، ސެޓްފިކެޓް ވަނީ ހަވާލުކޮށްފައި --- ފޮޓޯ/ މީރާ

އޭގެތެރޭގައި، މުއާމަލާތުކުރުމުގައި ބަހުގެ ގަވާއިދާއި ހަމަތައް ރަނގަޅަށް ބޭނުންކުރުމާއި ސާފު ރީތި ދިވެހިބަހުން މުއާމަލާތްކުރުމަކީ ވެސް މުހިންމުކަމެއް ކަމުގައި ޑރ. އަޝްރަފް ވިދާޅުވެފައިވެއެވެ.

ބައެއްކަހަލަ ކުށް އިބާރާތް ބޭނުންކުރުމާއި ބަސް މަސްހުނިކޮށް ބޭނުންކުރުން މިއަދުގެ މުޖުތަމައުގައި، ޚާއްސަކޮށް އޮފީސް މާހައުލުގައި އާންމުވަމުން އަންނަކަން ޑރ. އަޝްރަފް ވަނީ ފާހަގަކުރައްވާފައެވެ.

އެފަދަ ކަންކަމަށް ސަމާލުކަން ނުދީފިނަމަ، މުސްތަގުބަލުގައި ދިވެހިބަހަށް އޮންނަ ލޯތްބާއި އިޙުތިރާމު ގެއްލިދާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް