ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ މުވައްޒަފުންނަށް ޚާއްސަކޮށް، ދިވެހިބަހުގެ އެކެޑަމީން ކޯހެއް ފަށައިފިއެވެ.
މި މަހުގެ 24ގައި ފެށި މި ކޯސް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ދިހަ ގަޑިއިރަށް ކުރިއަށްގެންދާ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިޙުތިރާމާއެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.

މި ކޯހުގައި ކުރިއަށްގެންދިޔަ ބައިތަކުގެ ތެރޭގައި:
- ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެ ގޮތް އޮޅުންފިލުވައިދިނުން
- ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު އޮޅުންފިލުވައިދިނުން
- ސާފު ރީތިބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދިނުން
- ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ސުކުންކުރާނެ ގޮތްތައް އޮޅުންފިލުވައިދިނުން
- ބަދަލުވާ އަކުރާއި ތާނައިގައި ތިކިޖަހައިގެން ލިޔާނެ އުސޫލު އޮޅުންފިލުވައިދިނުން
އެކެޑަމީން ބުނީ މި ކޯހުގެ ކްލާސްތައް ކުރިއަށް ގެންދަނީ ފަސް ދަންފަޅިއަކަށް ބަހައިލައިގެން ކަމަށާއި މި ކޯހުގެ ބައިވެރީންނަށް ކިޔަވައިދެއްވާނީ ގައުމީ ޔުނިވާސިޓީގެ ދާރިސެއް ކަމުގައިވާ އަޒީޒާ އަފީފް ކަމަށެވެ.
އެކެޑަމީއިން އަންނަނީ މިފަދަ ސިލްސިލާ ކޯސްތައް އެކިއެކި އިދާރާތަކުގައި ހިންގަމުންނެވެ.