ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާއި ހައިކޯޓުގެ މުވައްޒަފުންނަށް ޚާއްސަކޮށް، ދިވެހިބަހުގެ އެކެޑަމީން ކޯހެއް ފަށައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ފެށި މި ކޯސް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.
ދިހަ ގަޑިއިރަށް ކުރިއަށްގެންދާ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިޙުތިރާމާއެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.
އެކެޑަމީން ބުނީ، މި ކޯހުގައި ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދާއި ސުކުނާއި ފިލިތައް އޮޅުންފިލުވައިދިނުމާއި ދިވެހިބަހުގެ ދަރަޖަތައް ރީތި ބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދޭނެ ކަމަށެވެ.
މި ކޯހުގައި ކިޔަވައި ދެއްވާނީ މި ދާއިރާތަކުގެ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ދާރިސުން ކަމަށް އެކެޑަމީން ބުނެއެވެ.