ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކުން އެ ސިނާއަތަކަށް ގެއްލުމެއް ނުވާނެ: މުންތަޒިމް

ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް: ވިދާޅުވީ ޓޫރިޒަމް ޓެކްސް ބޮޑުކުރިޔަސް އެ ކަމުގެ ސަބަބުން ފަތުރުވެރި ކަމަށް ގެއްލުމެއް ނުވާނެ ކަމަށް -- ފޮޓޯ މަޖިލިސް

ފަތުރުވެރިންގެ އަތުން ނަގާ ޓެކްސް ސަރުކާރުން ބޮޑުކުރިޔަސް، އެ ކަމުގެ ސަބަބުން ފަތުރުވެރި ކަމަށް ގެއްލުމެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޕީއެންސީ މެންބަރު މުންތަޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމެވެ. މި އިސްލާހު މަޖިލީހުން ބަލައިގެންފައި ވަނީ 52 މެންބަރުންގެ ވޯޓާއެކުއެވެ.

އެ ބިލުގައިވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

މި ބިލުގެ އިތުރުން ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެގުނަކޮށް، އެއާޕޯޓް ޓެކްސް ބޮޑުކުރަން ވެސް ދެ ބިލެއް ހުށަހަޅާފައި އެބައޮތެވެ.

ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކުރުމާ ގުޅޭ ގޮތުން އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަ ދައްކަވަމުން މުންތަޒިމް ވިދާޅުވީ ގައުމުގެ އިގުތިސާދީ ހާލަތު އޮތް ގޮތުން މި ފަދަ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަޖުބޫރުވެފައިވާ ކަމަށެވެ.

މި ޓެކްސްތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ޖީބަށް ދަތިކަމެއް ނާންނާނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މި ކަމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"..މި ޓެކްސްތަކަކީ ބޭރުން އަންނަ ފޮރިނާޒް އަތުން ނަގާ ޓެކްސް. 16 ޕަސަންޓުން 17 ޕަސަންޓަށް ޓީޖީއެސްޓީ ބަދަލުވުމަކީ އެންމެ ޕަސަންޓެއްގެ ކުރިއެރުމެއް. އޭގެ ސަބަބުން އަޅުގަނޑެއް ނުދަންނަވާނަން ގައުމަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެގެންދާނެއެކޭ،" މުންތަޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިގުތިސާދީ ގޮތުން މި ހާލަތު ކުރިމަތިވާން ޖެހުނު މައިގަނޑު ސަބަބަކީ މިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރުމެވެ. އެ ކަމުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށާއި، އެ ބާޒާރު ނައްތައިލުމަށް ޓަކައި މި ބަދަލުތަކަކީ މުހިންމު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މުޅި ދުނިޔެއިން ވެސް އެންމެ މަގުބޫލް އެއް މަންޒިލެވެ.

މުންތަޒިމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޓެކްސްތައް ބޮޑުކުރީ އަލަށް ނޫން ކަމަށާއި، މީގެ ކުރިން ވެސް އެ ކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައި ނެތް ކަމަށެވެ.

https://www.sun.mv/197930

މިއަދުގެ މަޖިލިސް ޖަލްސާގައި ޓޫރިޒަމް ދާއިރާގެ ޓެކްސް ބޮޑުކުރުމާމެދު އިދިކޮޅުގެ ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ގޮތުން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، އެ ސިނާއަތަށް އެކަމުން އަސަރުކުރާނެ ކަމަށް ތަކުރާރުކޮށް އެ ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.

އެހެން ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުން ގެންދެނީ އެއީ އާންމު ރައްޔިތުންނަށް އެންމެ މަންފާވާނެ ގޮތް ކަމަށެވެ.

comment ކޮމެންޓް